ކޮވިޑްއާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ހޯދުމުގެ މުއާމަލާތުގައި ނަހަމަ ފައިދާތައް ހޯދި ފަރާތްތައް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެ، ވިޝަލްބްލޯ ގާނޫނުގެ ދަށުން ރައްކާތެރިކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ބިޑް ކޮމިޓީގެ ޗެއާ ނިޝާމާ މުހައްމަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވައިފިއެވެ. މި ސިޓީ ފޮނުވާފައިވަނީ އޮގަސްޓް މަހު ތެރޭގައެވެ.

ވެންޓިލޭޓަރު މުއާލާތް ހިންގާފައިވަނީ ބިޑް ކޮމިޓީގެ ހުއްދައާއެކު އެވެ. އެކަމުގައި ބޮޑެތި ގޯސްތައް ހަދާފައިވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ. އެއާއެކު އޭސީސީއިން ކުރި ތަހުގީގުން ވެސް ގޯސްތައް ފާހަގަވެ، ނާޖައިޒު ފައިދާ އެކަމުގައި ބަޔަކު ނަގަން އުޅުނުކަން ހާމަވިއެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތް ކަމަށް ޕީޖީ އޮފީހުން ބުނެ ދައުވާއެއް ނުކުރެއެވެ. 

ދައުވާކުރަން ފޮނުވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން ބިޑް ކޮމިޓީ އާއި އެހެން ބައެއް މުވައްޒަފުންގެ މައްޗަށެވެ. ޕީޖީއިން ހެކި ނެތް ކަމަށް ބުނި ނަމަވެސް އޭސީސީއިން ވަނީ ނާޖައިޒު ފައިދާ އުޅުނުކަން ހާމަވާ މިންވަރަށް ހެކި ހުންނާނެ ކަމަށް ބުނެފައެވެ. 

ހެލްތު މިނިސްޓަރު ކަމުން އަމީން ވަނީ އެ ފަހުން އިސްތިއުފާ ދެއްވާފައެވެ. ނިޝާމާ އަދިވެސް ހުންނެވީ މަގާމުގައެވެ. ނަމަވެސް އޭނާ މި ވަގުތު ހުންނެވީ ސަސްޕެންޝަންގައެވެ. 

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ނިޝާމާ، ރައީސް ސޯލިހަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ އޭނާ މަސައްކަތް ކޮށްފައިވާނީ އެއްވެސް ނުބައި ނިޔަތެއް ނުވަތަ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑްގެ ހަރަދުތަކާ ގުޅިގެން ނަހަމަ މަންފާ ލިބުނު ފަރާތްތައް ހާމަކޮށް ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭން ބޭނުންވާ ކަމަށެވެ. އެހެންވެ އެ މައުލޫމާތުތައް ތަހުގީގު އިދާރާތައް ދިނުމަށްޓަކައި ވިސުލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ގާނޫނުގެ ދަށުން ރައްކާތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް ނިޝާމް ވަނީ އެދިވަޑައިގެންފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.