ށ. ކޮމަންޑޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ 89 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ތެރެއިން ޕޭވްމަންޓް ސަރަޙައްދުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތުގެ %50 އާއި، ޕޭވްމަންޓް ސަރަޙައްދުގައި ކަރބް ލައިން އެޅުމުގެ މަސައްކަތުގެ %79 މިހާރު ވަނީ ނިމިފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއަކީ 29.41 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.