ދިވެހި މުޖުތަމަޢުގެ މުސްތަގުބަލު ބިނާކުރުމުގައި ޒުވާނުންނަށް ފުރުސަތު ދޭން ޖޭހެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ގައުމީ ފެންވަރުގައި ފާހަގަކުރަމުން އަންނަ ޒުވާނުންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް ސޯލިހު ވަނީ ގައުމީ ފެންވަރުގައި ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ އެންމެހާ ޒުވާނުންނަށް އަރިސްކުރައްވާފައެވެ. އަދި ގައުމެއް ކުރިއަރައި ދިޔުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ޒުވާނުން ކަމަށާއި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ މުޖުތަމަޢުގެ ކުރިމަގު ބިނާކުރުމުގައި ޒުވާނުން ބަސް ހިމަނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެކުރިން އެކި ދުވަސްތަކުގައި ވަނީ ޤައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކޮށްފައެވެ. އެހެން ނަމަވެސް ރައީސް ސޯލިހު ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަސް ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ނިންމަވާފައެވެ. އެގޮތަށް އެމަނިކުފާނު ނިންމެވީ އެއީ ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކުރެއްވި ތާރީޚު ކަމަށްވާތީއެވެ.
މިއަހަރުގެ ޒުވާނުންގެ ގައުމީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަން ހަމަޖެހިފައި އޮތް ނަމަވެސް ކޮވިޑް 19 އާ ގުޅިގެން މި ދުވަހާ ގުޅޭ ގިނަ ހަރަކާތްތައް ޔޫތު މިނިސްޓްރީއިން ކުރިޔަށް ގެންދަނީ ވަރޗުއަލްކޮށެވެ.