ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)އިން ބުނެފިއެވެ.
އޭޑީބީއިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުން، ފަސް އަހަރަށް އާ ކޮށްފައެވެ. އެގޮތުން އޭޑީބީގެ ކަންޓްރީ ޕާޓްނާޝިޕް ސްޓްރެޓެޖީ (ސީޕީއެސް) އާއެކު ރާއްޖެއަށް 2020-2024 އާ ދެމެދު އެހީ ދޭން ވަނީ އެއްބަސްވެފައެވެ.
އޭޑީބީއިން ބުނި ގޮތުގައި، ސީޕީއެސްއާއެކު ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ގިނަ މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެގޮތުން ޕަބްލިކް ސެކްޓާގެ އެފިޝިއަންސީ އިތުރުކޮށް ފިސްކަލް ސަސްޓެއިނެބިލިޓީ ހަރުދަނާކޮށް، ޓެކްސް އެޑްމިނިސްޓްރޭޝަންއާ ގުޅޭ ކަންކަން ތަރައްގީ ކުރުމަށް އެހީ ދޭނެ ކަމަށެވެ.
އޭގެއިތުރުން ކޮވިޑާ ގުޅިގެން ރާއްޖެއަށް ހާއްސަ އެހީތެރިކަމެއް ދޭނެކަން ވެސް ވަނީ ފާހަގަކޮށްފައެވެ. ކޮވިޑާ ގުޅިގެން އެ ބޭންކުން މިހާރު ވެސް ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.