އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މި މަހުގެ 28 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެ ވަޑައިގަންނަވާނެކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

މި ދަތުރުފުޅާ ބެހޭ ގޮތުން ޓްވީޓް ކުރައްވަމުން މައިކް ޕޮމްޕެއޯ ވިދާޅުވީ އެމަނިކުފާނު އިންޑިއާއަށާއި، ސްރީލަންކާ، ދިވެހިރާއްޖެ، އަދި އިންޑަނޭޝިއާއަށް ވަޑައިގަންނަވާނެކަމަށެވެ. މިއީ އިންޑިއާގެ ފޮރިން މިނިސްޓްރީއާއެކު އިންޑިއާއިން ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ބައްދަލުވުމަކަށް ފަހު ޕޮމްޕެއޯ ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް މައިކް ޕޮމްޕެއޯ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. މީގެއިތުރުންވެސް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބާއްވާނެއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، ކޮވިޑް-19 އާ ދެކޮޅަށް ދެގައުމުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެ ކުރިންވެސް މިނިސްޓަރ ޝާހިދުއާ މައިކް ޕޮމްޕެއޯ ބައްދަލުކުރައްވާފައިވެއެވެ. އެގޮތުން، ސެކްރެޓަރީ ޕޮމްޕެއޯގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު ވަނީ 2019 ފެބްރުއަރީ 19 ވަނަ ދުވަހު އެމެރިކާގެ ވެރިރަށް ވޮޝިންޓަންއަށް ވަޑައިގެންފައެވެ.

މިއީ 1992 ވަނަ އަހަރަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު އެމެރިކާގެ ސަރުކާރުގެ މިހާ މަތީ ފަންތީގެ ބޭފުޅަކު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.