އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވިޔަފާރި އެކައުންޓެއް ޗައިނާގެ ބޭންކެއްގައި އޮޕަރޭޓްކޮށްފައިވާކަން ހާމަވެއްޖެއެވެ. މިކަން ފަޅާ އަރުވާލީ ނިއު ޔޯކް ޓައިމްސްއިންނެވެ.
ޓްރަމްޕްގެ މިފަދަ ކަމެއް ފަޅާއަރުވާލާފައިވާއިރު ޗައިނާއާ ދެކޮޅަށް އިގްތިޞާދީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އެމަނިކުފާނުގެ ވެރިކަމުގައި ވަނީ އަޅުއްވާފައެވެ. އަދި ޗައިނާގެ ބައެއް ކުންފުނިތަކާއެކު އެމެރިކާގެ ކުންފުނިތަކުން ވިޔަފާރި ނުކުރުމަށް ވެސް އެމަނިކުފާނު ވަނީ އަންގަވާފައެވެ.
މި އެކައުންޓަކީ ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލްސް މެނޭޖްމަންޓްއިން ކޮންޓްރޯލްކުރާ އެކައުންޓެކެވެ. މި އެކައުންޓުން ވަނީ 2013 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު 188،561 ޑޮލަރު ޓެކްސްގެ ގޮތުގައި ދައްކާފައެވެ. މީގެކުރިން ލީކުކޮށްލާފައިވާ ޓްރަމްޕްގެ އަމިއްލަ އެކައުންޓްތަކުގެ ތަފްސީލްތަކަށް ބަލާއިރު އެމަނިކުފާނު ޓެކްސްގެ ގޮތުގައި ދައްކަވާފައިވަނީ އެންމެ 750 ޑޮލަރެވެ.
ނިއު ޔޯކް ޓައިމްސްއަށް މިކަން ދެނެގަނެވިފައިވަނީ ޓްރަމްޕްގެ ޓެކްސް ރިކޯޑްތައް އެ ނޫހަށް ލިބުމާއި ގުޅިގެންނެވެ. މި ރެކޯޑްތަކުގައި އެމަނިކުފާނުގެ އަމިއްލަ އަދި ވިޔަފާރި އެކައުންޓްތަކުގެ ތަފްސީލްތައް އެކުލެވިފައިވެއެވެ.