ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވާ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ. މައްސަލަ ހުށަހެޅި ފަރާތްތަކުން އެދިފައިވަނީ އެ މައްސަލާގައި ގޮތެއް ކަނޑައެޅެދެން، ޔައުގޫބު މަޖިލީހަށް ހާޒިރުވުން ހުއްޓުވައިދުނިމުގެ އަމުރަކަށެވެ. 

ޔައުގޫބުގެ ގޮނޑިއާމެދު ސުވާލު އުފެދުނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލްގެ މެންބަރު ކަމަށް އޭނާ އައްޔަން ކުރުމާ ގުޅިގެންނެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މުސްތަގިއްލު ތަނެކެވެ. އެހެންވެ އެ ތަނުގެ އިންތިގާލީ ކައުންސިލަށް މެމްބަރު ވެސް ވާނީ މުސްތަގިއްލު ބަޔަކަށެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 5 އަދި 8 ގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސްތަގިއްލު މަގާމަކަށް ނުދެވޭނެއެވެ.

އެހެންވެ އޭނާ އެ މަގާމު ގަބޫލު ކުރެއްވުމާއެކު މަޖިލިސް މެންބަރެއްގެ ޝަރުތު ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރުގެ ކިބައިން ގެއްލިފައިވާ ކަމަށް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އެހެންވެ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މިއަދު މައްސަލާގެ ޝަރީއަތް ވަނީ ފަށާފައެވެ. 

ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މި ދުސްތޫރީ މައްސަލާގެ އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އެދިފައިވާ ވަގުތީ އަމުރު ނުނެރުނު ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ. އެހެންވެ، އެ އަމުރު ނެރެނުދޭން ނިންމާފައިވާ ކަމަށެވެ. 

މައްސަލަ ހުށަހަޅުއްވާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އާއި ވަކީލް އައްސަދު ޝަރީފެވެ. ޔައުގޫބުގެ ގާނޫނީ ވަކީލުން އެންމެ ފުރަތަމަ ވެސް ފާހަގަ ކުރެއްވީ އެ ބޭފުޅުންނަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. 

އެހެންވެ އަޑުއެހުން ކުރިއަށް ގެންދިޔައެވެ. ހަލީމާއި އައްސަދުގެ ފަރާތުން ވެސް އެދިފައިވަނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ)އާ ޔައުގޫބް ހިލާފުވެފައިވާތީ، އޭނާގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. ދިފާއުގައި ވާހަކަ ދައްކަވަމުން ޔައުގޫބު ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ އާއި ރ. ގައި ތަފާތުތަކެއްވާ ކަމަށެވެ. އަދި އެ ތަފާތުތައް އެހެން ހުރުމުން ޔައުގޫބުގެ ގޮނޑި ނުގެއްލޭކަން އެނގޭ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.