ވޮޝިންޓަން ޕޯސްޓްގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމުގެ އަމުރެއް ނެރުނު ކަމަށް ބުނެ ސައުދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާ ދެކޮޅަށް އެމެރިކާގައި ދައުވާ ކުރުމަށް ޖަމާލް ޚަޝޯގީގެ ލޯބިވެރިޔާ އަދި އޭނާ އުފައްދާފައިވާ އިންސާނީ ހައްގައް މަސައްކަތް ކުރާ ގްރޫޕުން ނިންމައިފިއެވެ. 

ކުރިންވެސް ޖަމާލް ޚަޝޯގީ މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތު މުހައްމަދު ބިން ސަލްމާންއަށް ކުރެވުނެވެ. އެހެންނަމަވެސް ސައުދީ އަރަބިއާގެ ކޯޓަކުން ނިންމާފައިވަނީ ޚާޝޯގީ މަރާލެވުނީ އެތަނުގައި ހުރި ސައުދީ އަރަބިއާގެ "ނެގޯޝިއޭޝަންސް ޓީމް"އަށް އޮޅިގެން ކަމަށާއި އެއީ އެއްވެސް މީހެއްގެ އަމުރަކަށް ކޮށްފައިވާ ކަމެއް ނޫންކަމަށެވެ. 

ޚަޝޯގީގެ ލޯބިވެރިޔާއާއި، "ޑިމޮކްރަސީ ފޮރ ދަ އަރަބް ވޯލްޑް" (ޑޯން) އިން ހުށަހަޅާފައިވަނީ ޚަޝޯގީގެ މަރުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އެގޮތުން، ލޯބިވެރިޔާއަށް ނަފްސާނީ ގޮތުންނާއި މާލީ ގޮތުންވެސް ގެއްލުންވިކަމަށް ދައުވާގައި ބުނެފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. 

މީގެއިތުރުންވެސް، ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުން، ޚަޝޯގީ މަރާލެވުނީ އަރަބި ގައުމްތަކަށް ޑިމޮކްރަސީ ގެނައުމަށް އޭނާ ކުރަމުންއަންނަ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުންނެވެ. މައްސަލަ ހުށަހެޅުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެމުން އޭނާގެ ލޯބިވެރިޔާ ބުނީ، އެމެރިކާގެ ކޯޓުތަކުން އިންސާފު ގާއިމްކޮށްދެއްވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

ސައުދީ އަރަބިއާއަށް ނިސްބަތްވާ ޖަމާލް ޚަޝޯގީ 2017 އިން ފެށިގެން ދިރިއުޅެމުން ދިޔައީ އެމެރިކާގައެވެ. އޭނާ މަރާލިކަމުގެ ތުހުމަތު އެންމެ ފުރަތަމަ ފެންމަތިވީ 2 އޮކްޓޯބަރ 2018 ގައެވެ. ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓް އަށް އެންމެ ފަހުން ވަން ޚަޝޯގީ އޭގެފަހުން ފެނިފައި ނުވެއެވެ.

ތުރުކީގެ ތަހުގީގީ އިދާރާތަކުން ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި ޚަޝޯގީ މަރާލުމަށް ފަހު ހަށިގަނޑުގެ ގުނަވަންތައް ބުރިކޮށް ކޮންސިއުލޭޓް އިން ވަނީ ބޭރުކޮށްފައެވެ. މިކަމާ ގުޅިގެން ސައުދީ އަރަބިއާގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާނަށްވެސް ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.