ބައެއް އަރަބި ގައުމްތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ނަން ރެޒިޑެންޓް ސަފީރުންނާ، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ. 

މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވީ އުރުދުން، ކުވައިތު، ފަލަސްތީން، އަދި ޔަމަނުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، އޮމާންއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަންއާއެވެ. 

ފޮރިން މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މިހާރުގެ ހާލަތު މިނިސްޓަރ ވަނީ ސަފީރުންނަށް ކިޔައިދެއްވާފައެވެ. އަދި، އެ ގައުމުތަކުގެ ހާލަތާއި ބެހޭގޮތުން މައުލޫމާތު އޮޅުންފިއްލަވާފައިވެއެވެ.

މީގެއިތުރުންވެސް، މި ގައުމްތަކާއެކު ރާއްޖެއިން ބާއްވާ ގުޅުން އިތުރަށް ހަރުދަނާކޮށް، ބައިނަލްއަގްވާމީ މުޖުތަމައުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި، ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މި ދަތި ހާލަތުން އަރައިގަތުމަށް ގައުމްތަކުން ވެދެއްވާ އެހީއަށް މިނިސްޓަރ ޝުކުރުވެސް އަދާކުރެއްވިއެވެ.

ފޮރިން މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ އެކި ގައުމްތަކުން ރާއްޖެއަށް ކަނޑައަޅާފައިތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މިނިސްޓަރ ޝާހިދު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ މަސައްކަތުގެ ބައެކެވެ. ނިމިދިޔަ ހަފްތާ ތެރޭގައި މިފަދަ އެހެން ބައްދަލުވުމެއް އޭޝިއާގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު ބޭއްވުނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.