ރެއާލް މެޑްރިޑް އަދި ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް

ޔޫރޯއަށް ސްޕެއިނުން އެކުލަވާލި ސްކޮޑުން ކެޕްޓަން ސާޖިއޯ ރާމޯސް ބާކީ ކޮށްފިއެވެ.

މި އަހަރުގެ ޖޫން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯއަށް ސްޕެއިނުން އެކުލަވާލި ސްކޮޑުން ރާމޯސްއަށް ޖާގަ ގެއްލުނީ އަނިޔާގެ ސަބަބުން މި ސީޒަނުގެ ގިނަ މެޗުތަކެއް ރާމޯސްއަށް ގެއްލިފައިވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 35 އަހަރުގެ ރާމޯސްއަށް އަނިޔާގެ ސަބަބުން މި ސީޒަންގެ ގިނަ މެޗުތަކެއް ގެއްލިފައިވާއިރު މާރޗް މަހުގެ ފަހުން އޭނާ ކުޅެފައި ވަނީ އެންމެ މެޗެކެވެ. އެއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރެއާލް އަދި ޗެލްސީ ބައްދަލުކުރި ދެވަނަ ލެގުގެ މެޗެވެ. އެމެޗުން ރެއާލް 2-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސްޕެއިނުން ވަނީ ޔޫރޯއަށް 24 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފައެވެ. ރާމޯސްގެ ބަދަލުގައި ސްޕެއިންގެ ސްކޮޑުގައި ހިމަނާފައިވަނީ ދާދި ފަހުން ސްޕެއިންގެ ރައްޔިތުކަން ހޯދި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު އެއިމެރިކް ލަޕޯޓޭއަށެވެ.

ސްޕެއިންގެ ސްކޮޑުން ރާމޯސްއަށް ފުރުސަތު ގެއްލުމާއިއެކު ރާމޯސް އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ސްޕެއިނަށް ކުޅުމަކީ އޭނާއަށް އަބަދުވެސް ލިބޭ ފަހުރެއް ކަމަށާއި، އެކަމަކު އަނިޔާގެ ސަބަބުން މި ސީޒަންގައި ގިނަ މެޗުތަކެއް ގެއްލިފައި ވުމުން ސްކޮޑުން ޖާގަ ގެއްލުމުން އެކަމާއި ޝަކުވާއެއް ނެތް ކަމަށެވެ. އަދި އަބަދުވެސް އެދެނީ ސްޕެއިނަށް ކާމިޔާބީއަށް ކަމަށް ރާމޯސް ބުންޏެވެ.

ސްޕެއިންގެ ސްކޮޑުން ރާމޯސްއަށް ފުރުސަތު ގެއްލިފައިވާއިރު މި ސީޒަނަށްފަހު އޭނާ ރެއާލް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރެފައެވެ. އެގޮތުން އޭނާ ފްރާންސްގެ ގަދަ ބާރު ޕީއެސްޖީއާ ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *