ދައުލަތުގެ އެކި އޮފީސްތަކުގައި ގާއިމްކުރާ ބިޑް ކޮމިޓީތަކަށް ސިޔާސީ ގޮތުން އައްޔަނުކުރެވޭ ބޭފުޅުންނާއި އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް އައްޔަނު ނުކުރެވޭނެ ކަމަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ނިންމައިފިއެވެ.
އެ ބޯޑުން މިގޮތަށް ނިންމާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާއަށް ރިޢާޔަތްކުރުމަށްފަހުއެވެ.
ބިޑް ކޮމިޓީގައި ސިޔާސީ ބޭފުޅުން ތިއްބާ ކަމުގެ ކަންބޮޑުވުންތައް އެންމެ ބޮޑުވީ ވެންޓިލޭޓަރު ހޯދުމަށް ކުރި މުއާމަލާތްތަކުގައި ގޯސްތަކެއް ހުރިކަން އޮޑިޓްއިން ފާހަގަކުރުމާއެކުއެވެ. އެ މުއާމަލާތްތައް ހިންގާފައިވަނީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީއިންނެވެ.
އެ ބިޑް ކޮމިޓީގެ ޗެއާއަކީ ވެސް ސިޔާސީ ބޭފުޅެކެވެ. އަދި ދެން ވެސް ސިޔާސީ ބޭފުޅުން ކޮމިޓީގައި ތިއްބަވައެވެ. ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ނިންމުމާއެކު މިނިސްޓްރީތަކުގެ ބިޑް ކޮމިޓީތައް ބަދަލުކުރަން ޖެހޭނެއެވެ.