ކޮވިޑް-19އާއި ގުޅިގެން ރާއްޖެގެ ސިއްހީ ދާއިރާގެ ކެޕޭސިޓީ ބޮޑުކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ހެލްތުން ވެންޓިލޭޓަރު ގަތުމުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކޮށް 11 ފަރާތަކަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ފޮނުވާފައިވާ މައްސަލައިގައި އެ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ހުރިކަމަށް އެސީސީއިން ބުނެފިއެވެ.

އޭސީސީއިން މިހެން ބުނީ މި މައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމުމާ ގުޅިގެންނެވެ. އިއްޔެ ޕީޖީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީޖީ ޝަމީމް ވިދާޅުވީ ދައުވާ ނުކުރަނީ ކޯޓުގައި ސާބިތުކޮށްދެވޭނެ ވަރަށް ހެކި ނެތުމުން ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން ޝަމީމް ވަނީ އޭސީސީއިން ހުށަހަޅާފައިވާ ރިޕޯޓުގައި ހުރި ވަކިވަކި ކަންތައްތައް ފާހަގަކުރައްވައި ދައުވާ ނުކުރެވޭ ސަބަބު ބަޔާންކޮށްދެއްވާފައެވެ.

މިކަމާ ގުޅިގެން އޭސީސީއިން ބުނެފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03ގެ (ހ)ގެ ދަށުން
ވެންޓިލޭޓަރ ހޯދުމުގެ ޕްރޮސެސް ކުރިއަށްގެންދިޔުމަށް މިނިސްޓްރީ އޮފް ހެލްތަށް
ޚާއްޞަ ހުއްދައެއް މިނިސްޓަރ އޮފް ފިނޭންސް ދެއްވާފައިވާކަން ޕީޖީގެ އޮފީހުން ފާހަގަކޮށްފައިވީ ނަމަވެސް، ދީފައިވާ ހުއްދަތަކަކީ ވަކިވަކި ކަންކަމާ ގުޅިގެން ދީފައިވާ ހުއްދަތަކެއް ކަމަށެވެ. 

އެގޮތުން، 2.5 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުވާ މަސައްކަތްތަކާއި
ހޯދަންޖެހޭ ޑޮކިއުމެންޓްތައް ޓެންޑަރ ބޯޑަށް ހުށަހަޅަން ނުޖެހޭގޮތަށް މިނިސްޓްރީ
އޮފް ހެލްތުގެ ބިޑު ކޮމިޓީން ނިންމައިގެން ކުރިއަށް ގެންދިއުމުގެ ޚާއްޞަ
ހުއްދައަކަށް އެދުމުން، ފިނޭންސް މިނިސްޓްރީއިން ޚާއްޞަ ހުއްދައިގެ މުއްދަކީ 1 (އެކެއް) މަސް ދުވަސް ކަމަށް ބަޔާންކޮށް 17
ފެބްރުވަރީ 2020 ގައި ހުއްދަދިނެވެ. 

ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ޙަވާލުކުރުމުގެ ހުއްދައަކަށް
މިނިސްޓްރީ އޮފް ހެލްތުން އެދުމުން ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ވެންޓިލޭޓަރތައް ހޯއްދެވުމުގައި
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާގޮތުގެ މަތިން މިނިސްޓްރީ އޮފް ހެލްތުގެ
ބިޑު ކޮމިޓީއަށް ހުށަހަޅައިގެން އެއާމެދު ގޮތެއް ނިންމަވައިގެން ކުރިއަށްގެންދިއުމަށް
01 އޭޕްރިލް 2020 ގައި މިނިސްޓަރ އޮފް ފިނޭންސްއިން ހުއްދަ ދިންކަމަށްވެސް އޭސީސީއިން ވަނީ ބަޔާންކޮށްފައެވެ. 

އެހެންނަމަވެސް، މާލިއްޔަތުގެ ގަވާއިދުގެ 10.34 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަލަންޖެހޭކަމަށް
އެ މާއްދާގައި ބަޔާންކުރާ، ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި
ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން
ބަލާފައިނުވާކަން އޭސީސީއިން ވަނީ ފާހަގަކޮށްފައެވެ. 

އަދި، 75 ވެންޓިލޭޓަރ ސަޕްލައިކުރުމާގުޅޭ އެއްބަސްވުމުގެ ޑްރާފްޓް ބަލުމަށްފަހު އެޓަރނީ ޖެނެރަލްގެ އޮފީހުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް އެޑްވާންސް
ޕޭމަންޓް ގެރެންޓީއާއި ޕަރފޯމެންސް ގެރެންޓީ ނުނަގައި އެއްބަސްވުމުގައި
ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ
10.03 ވަނަ މާއްދާގެ ދަށުން މިނިސްޓަރ އޮފް ފިނޭންސް އަންގާ ގޮތެއްގެ މަތިން ކަމަށް އެންގިނަމަވެސް، އެފަދަ ހުއްދައެއް ހެލްތު މިނިސްޓްރީއިން އެއްވެސްއިރަކު ނަގާފައިނުވާކަމަށް އޭސީސީއިން ވަނީ ފާހަގަކޮށްފައެވެ. 

އޭސީސީއިން އިތުރަށް ބުނެފައިވަނީ ދައުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ
ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަން މުރާޖައާ ކުރަމުންގެންދާކަމަށެވެ. ޕީޖީވެސް ވިދާޅުވީ މައްސަލަ މުރާޖައާ ކުރުމަށްފަހު ހުށަހަޅައިފިނަމަ ދައުވާ ނުކުރުމަށް ނިންމި ނިންމުން ބަދަލުވުން އެކަށީގެންވާކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.