ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާނީ ރަނގަޅު ނިންމެވުމެއް ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު އަމީންގެ މައްސަލާގައި އެމްޑީޕީގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވެފައެވެ. މިއަދު ހަވީރު އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް އަމީންގެ މައްސަލާގައި ބޭއްވިއެވެ. އެ ބައްދަލުވުމުގައި ދެ ވޯޓެއް އެހިއެވެ. 

ފުރަތަމަ ވޯޓަށް އެހީ އަމީންގެ މައްސަލާގައި ރައީސް ސޯލިހުގެ އިރުޝާދާއެކު ކުރިއަށް ދާނެ ގޮތެއް ނިންމުމަށެވެ. އެކަމަށް ތާއިދުކޮށް ވޯޓު ދިނީ 24 މެންބަރުން ކަމުން އެކަމެއް ފާހެއް ނުވިއެވެ. ދެން ވޯޓަށް އެހީ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާށެވެ. 

މިއަދު ހަވީރު އެމްޑީޕީ ޕީޖީ ބައްދަލުވުމުގައި އަމީންގެ އިތުބާރު އޮތް ކަމަށް 31 މެންބަރުން ވޯޓު ދެއްވިއެވެ. އެ ބައްދަލުވުމުގައި 58 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު އިތުބާރު އަމީނަށް ގެއްލިފައިވާ ކަމަށް ވޯޓު ދެއްވީ 27 މެންބަރުންނެވެ. 

މިކަން ހޫނުވެފައިވަނިކޮށް ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީންގެ މައްސަލާގައި ރައީސް ސޯލިހު ނިންމަވާނީ ރަނގަޅަށް ކަމަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ. އޭނާ މިއަދު ވޯޓު ދެއްވީ ރައީސް ސޯލިހު މި މައްސަލާގައި ކުރިއަށް ދާން ވިސްނަވާފައި އޮތް ގޮތް އޮޅުންފިއްލެވުމަށް ކަމަށެވެ. ރައީސް ސޯލިހަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރުކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ. 

އެމްޑީޕީ ޕީޖީ ގުރޫޕްގެ ތާއިދު ނެތް ނަމަވެސް އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ 24 މެންބަރަކު ސޮއި ކުރައްވައި މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. 

މިއީ މިފަދަ ގޮތަކަށް އެމްޑީޕީގެ ޕީޖީގެ ތެރޭގައި މިނިސްޓަރަކާމެދު ހިޔާލު ތަފާތުވި ދެވަނަ ފަހަރެވެ. މީގެކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ވެސް މަސައްކަތްތަކެއް ކުރިއެވެ.

މިނިސްޓަރު އަމީންގެ އިތުބާރު ގެއްލިފައިވާ ކަމަށް މެންބަރުން ދެކެނީ ވެންޓިލޭޓަރު މައްސަލާގައި އަމަލު ކުރައްވާފައިވާ ގޮތުންނެވެ. އެ މައްސަލާގައި މިނިސްޓަރު ހުންނެވީ މަސައްކަތުން އެކަހެރިކުރައްވާފައެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީއިން ޕީޖީއަށް ވެސް ފޮނުވިއެވެ.

ނަމަވެސް ޕީޖީއިން ނިންމާފައިވާ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ މައްސަލާގައި އަމީން ވެސް ހިމެނޭ ގޮތަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށެވެ. އަމީންއަކީ ކޯލިޝަން ޕާޓީއެއް ކަމަށްވާ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓްގައި އިންނެވި ބޭފުޅެކެވެ. އޭނާއަށް އެކި ފަހަރު މަތިން އެމްޑީޕީ މެންބަރުންގެ ނުރުހުން އަމާޒުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.