ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ތަފާސްހިސާބަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތަފާސްހިސާބުގެ ދުވަހުގެ މުނާސަބާގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ ފުރިހަމަ ގޮތެއްގައި ތަފާސްހިސާބު ބެލެހެއްޓުމަކީ ޤައުމެއްގެ އިޤުތިޞާދުގެ އުފެއްދުންތެރިކަން ދެނެގަތުމާއި، ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމާއި، އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދީ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ. ތަފާސްހިސާބު ބަލަހައްޓައި، އެއްކުރާ މަޢުލޫމާތުގެ އަލީގައި ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

ހަމައެހެންމެ ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުތައް އެކަށައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) ގައި އެކުލެވިގެންވާ ދާއިރާތަކުގެ އިތުރުން ދައުލަތް ހިންގުމުގައި ހިމެނޭ ކަންކަމަކީ ވެސް ތަފާސްހިސާބު ބޭނުންކޮށްގެން އެ ދާއިރާތަކުން ހާސިލުކުރެވޭ ކަންކަމާއި، ކުރިއެރުން ހޯދޭ މިންވަރު ދެނެގަނެވޭނެ ކަންކަން ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. 

މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތުގައި ވެސް ތަފާސްހިސާބުގެ މުހިންމުކަން ފާހަގަވެގެން ގޮސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ގޮތުން، މި ބަލިމަޑުކަމުން އަރައިގަތުމަށް ޚަރަދުކުރުމާއި، ބަލި ފެތުރޭ މިންވަރު ދެނެގަތުމާއި، ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް ތަފާސްހިސާބުގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހަކީ ޤައުމީ ތަފާސްހިސާބުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައި ވަނީ، ތަފާސްހިސާބުގެ ދާއިރާ އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށް ސަރުކާރުންދޭ އަހަންމިއްޔަތުކަން ފާހަގަކޮށް، ތަފާސްހިސާބުގެ އަލީގައި ކަންކަން ނިންމުމަށް ބާރުއަޅައި، މި ދާއިރާއިން ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ތަފާސްހިސާބަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް މަގުފަހިކުރުމަށް ކަމަށް ވެސް އެމަނިކުފާނުގެ ޚިތާބުގައި ވިދާޅުވިއެވެ. 

ދުނިޔޭގެ ތަފާސްހިސާބު ދުވަސް ފާހަގަކުރަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރުއެވެ. މި އަހަރު މި ދުވަސް ފާހަގަކުރަމުންދަނީ "އިތުބާރުހުރި ތަފާސްހިސާބުން ދުނިޔެ ގުޅައިލުން،" މި ޝިޢާރުގެ ދަށުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.