ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ދެކޮޅަށް ސޮއި ކުރެއްވީ ވައްކަމާ އަބަދުވެސް ދެކޮޅުވީމަ ކަމަށް ސޮއި ކުރެއްވި ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ. 

ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ވައްދާފައެވެ. މި މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އެކަމާ ދެކޮޅަށް އެމްޑީޕީ ޕީޖީ ގްރޫޕްގައި ވޯޓެއް ނަގާފައިވަނިކޮށެވެ.

މިއަދު ހަވީރު އެމްޑީޕީ ޕީޖީ ބައްދަލުވުމުގައި އަމީންގެ އިތުބާރު އޮތް ކަމަށް 31 މެންބަރުން ވޯޓު ދެއްވިއެވެ. އެ ބައްދަލުވުމުގައި 58 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު އިތުބާރު އަމީނަށް ގެއްލިފައިވާ ކަމަށް ވޯޓު ދެއްވީ 27 މެންބަރުންނެވެ.

ނަމަވެސް އެ ވޯޓާ ދެކޮޅަށް ބައެއް މެންބަރުން ނުކުންނެވިއެވެ. އެގޮތުގެ މަތިން 24 މެންބަރަކު ސޮއި ކުރައްވާ މައްސަލަ މަޖިލީހަށް ހުށަހެޅުއްވިއެވެ. ޕެޓިޝަން ހުށަހެޅުއްވުމުގައި އިސްކޮށް އުޅުއްވީ މަޑަވެލީ ދާއިރާގެ މެންބަރު ހުސެއިން ފިރުޝާންއެވެ.

ޕެޓިޝަންގައި ސޮއި ކުރެއްވި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ އަބަދުވެސް ވައްކަމާ ދެކޮޅު ކަމަށާއި މިނިސްޓަރު އަމީންގެ އިތުބާރެއް މިހާރު ނެތް ކަމަށެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ އަދި ފިކުރަކީ ކޮރަޕްޝަނާ ދެކޮޅުވުން ކަމަށެވެ. އެއީ ޕާޓީގެ ތޮބިއްޔަތު ކަމަށާއި މިނިސްޓަރު އަމީނަށް އިތުބާރެއް ނެތް ކަމަށެވެ. 

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ ހެލްތް މިނިސްޓަރު  އަމީން ފާޅުކަން ބޮޑު ގޮތެއްގައި ވައްކަންކޮށް، ރައްޔިތުންގެ މުސާރަ ނަގައިގެން އިތުރަށް މަގާމުގަ ހުރުމަށް ނޭދޭ ކަމަށެވެ. 

"ވައުދާ އެއްގޮތަށް ވައްކަމާ ހިޔާނާތާއި ދެކޮޅަށް އަޅުގަނޑު ތެދުވާނަން. އަމީންގެ އިތުބާރު ނެތް،" ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވިއެވެ. 

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، އަމީނަށް މިނިސްޓަރު ކަމަށް ރުހުން ދިނީ ވެސް އެމްޑީޕީގެ ހުރިހާ ވިސްނުމަކާ ހިލާފަށް ކަމަށެވެ. އަދި އެގޮތަށް ވެސް ރުހުން ދިނުމުން ވައްކަންކޮށްގެން މުޅި ރަށު ތެރެއަށް އެކަން ފަޅާއަރާފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

"މިއަދު އެމްޑީޕީ ޕީޖީއިން ތެދުވެ އަމީން، ހެލްތު މިނިސްޓަރު ބޭރު ކުރަންވީއޭ ބުނަން ނުކުރިއްޖެއާ އަޅުގަނޑުމެންއެކޭ މިހާރުގެ އޭސީސީއެކޭ، އެސެޓް ކޮމިޓީއެކޭ އެއްވަރު، އަޅުގަނޑުމެން ތިބެގެން އިނގިލި ދިއްކުރާ އެއިން ކޮންމެ މުއައްސަސާއެކޭ އެއްވަރު،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އެމްޑީޕީއަށް 65 މެންބަރުންގެ މެޖޯރިޓީ ރައްޔިތުން ދިނުމުން ވެސް ޖުމްހޫރީ ޕާޓީގެ މިނިސްޓަރަކު ވަކި ކުރަން ޖެހުމުން އެކަން ސާބިތުކަމާއެކު ބުނަން ނުކެރޭނަމަ އެއީ މައްސަލައެއް ކަމަށެވެ.

"ރަށު ތެރޭގައި ނުކުމެ އަޅުގަނޑުމެން ދެން ކާކަށް މޫނު ދައްކާލާނީ، އެ ރައްޔިތުން އަޅުގަނޑުމެން ގާތު ނާހާނެ ކީކޭތޯ ރައީސް ވިދާޅުވީ، ކީކޭތޯ ރައީސް ނަޝީދު ވިދާޅުވީ، އެހެނެއް ނާހާނެ، އެމީހުން ބަލާނީ ކަމެއް ކުރަން ފޮނުވާފައި ތިބީ އަޅުގަނޑުމެން ކަމަށް، އަޅުގަނޑުމެންނަށް ކަމެއް ނުކުރެވުނީ ކަމަށް،" އީވާ ވިދާޅުވިއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.