ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ވައްދާފައެވެ. މި މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އެކަމާ ދެކޮޅަށް އެމްޑީޕީ ޕީޖީ ގްރޫޕްގައި ވޯޓެއް ނަގާފައިވަނިކޮށެވެ.
މިއަދު ހަވީރު އެމްޑީޕީ ޕީޖީ ބައްދަލުވުމުގައި އަމީންގެ އިތުބާރު އޮތް ކަމަށް 31 މެންބަރުން ވޯޓު ދެއްވިއެވެ. އެ ބައްދަލުވުމުގައި 58 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު އިތުބާރު އަމީނަށް ގެއްލިފައިވާ ކަމަށް ވޯޓު ދެއްވީ 27 މެންބަރުންނެވެ.
ނަމަވެސް އެ ވޯޓާ ދެކޮޅަށް ބައެއް މެންބަރުން ނުކުންނެވިއެވެ. އެގޮތުގެ މަތިން 24 މެންބަރަކު ސޮއި ކުރައްވާ މައްސަލަ މަޖިލީހަށް ހުށަހެޅުއްވިއެވެ. ޕެޓިޝަން ހުށަހެޅުއްވުމުގައި އިސްކޮށް އުޅުއްވީ މަޑަވެލީ ދާއިރާގެ މެންބަރު ހުސެއިން ފިރުޝާންއެވެ.
އަމީންގެ އިތުބާރު ނެތް ކަމަށް ބުނާ ޕެޓިޝަންގައި ދެން ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިނާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.
އޭގެއިތުރުން ދެން ހިމެނެނީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނަޒީލާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި ފުވައްމުލައް ދެކުނު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދާއި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާމާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ.
މި 24 މެންބަރުން އަމީންއާ ދެކޮޅަށް ސޮއި ކުރައްވާފައިވަނީ އެމްޑީޕީގެ ވިޕްލައިންއާ ހިލާފަށް ވިޔަސް އެ ވޯޓު ކުރިއަށް ގެންދެވުމަށް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވާފައިވަނިކޮށެވެ.
މިއީ މިފަދަ ގޮތަކަށް އެމްޑީޕީގެ ޕީޖީގެ ތެރޭގައި މިނިސްޓަރަކާމެދު ހިޔާލު ތަފާތުވި ދެވަނަ ފަހަރެވެ. މީގެކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ވެސް މަސައްކަތްތަކެއް ކުރިއެވެ.
މިނިސްޓަރު އަމީންގެ އިތުބާރު ގެއްލިފައިވާ ކަމަށް މެންބަރުން ދެކެނީ ވެންޓިލޭޓަރު މައްސަލާގައި އަމަލު ކުރައްވާފައިވާ ގޮތުންނެވެ. އެ މައްސަލާގައި މިނިސްޓަރު ހުންނެވީ މަސައްކަތުން އެކަހެރިކުރައްވާފައެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީއިން ޕީޖީއަށް ވެސް ފޮނުވިއެވެ.
ނަމަވެސް ޕީޖީއިން ނިންމާފައިވާ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ މައްސަލާގައި އަމީން ވެސް ހިމެނޭ ގޮތަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށެވެ. އަމީންއަކީ ކޯލިޝަން ޕާޓީއެއް ކަމަށްވާ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓްގައި އިންނެވި ބޭފުޅެކެވެ. އޭނާއަށް އެކި ފަހަރު މަތިން އެމްޑީޕީ މެންބަރުންގެ ނުރުހުން އަމާޒުވެއެވެ.