ފާޅުގައި އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް މަސައްކަތް ކުރެއްވި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއަށް ނޫނެކޭ ބުނުމުގެ ގާބިލްކަން އެމްޑީޕީގެ ނެތް ކަމަށް ރައްޔިތުންނަށް ދައްކާނެ މޫނެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ. 

އީވާ މިހެން ވިދާޅުވީ މިއަދު ހަވީރު، އެމްޑީޕީ ޕީޖީ ގްރޫޕްގައި އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމާ ގުޅޭ ގޮތުން ވޯޓު ނެގުމަށް ބޭއްވި ބައްދަލުވުމުގައެވެ. މަޑަވެލީ ދާއިރާގެ މެންބަރު ފިރުޝާން ވަނީ އެމްޑީޕީގެ ޕީޖީއަށް އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅެމުގެ މަސައްކަތް ފެށުމަށް ހުށަހަޅާފައެވެ. 

އެކަމާ ގުޅޭ ގޮތުން ބަހުސް ކުރައްވަމުން ބައްދަލުވުމުގައި އީވާ ވިދާޅުވީ، އަމީނަށް މިނިސްޓަރު ކަމަށް ރުހުން ދިނީ ވެސް އެމްޑީޕީގެ ހުރިހާ ވިސްނުމަކާ ހިލާފަށް ކަމަށެވެ. އަދި އެގޮތަށް ވެސް ރުހުން ދިނުމުން ވައްކަންކޮށްގެން މުޅި ރަށު ތެރެއަށް އެކަން ފަޅާއަރާފައިވާ ކަމަށް އީވާ ވިދާޅުވިއެވެ. 

"މިއަދު އެމްޑީޕީ ޕީޖީއިން ތެދުވެ އަމީން، ހެލްތު މިނިސްޓަރު ބޭރު ކުރަންވީއޭ ބުނަން ނުކުރިއްޖެއާ އަޅުގަނޑުމެންއެކޭ މިހާރުގެ އޭސީސީއެކޭ، އެސެޓް ކޮމިޓީއެކޭ އެއްވަރު، އަޅުގަނޑުމެން ތިބެގެން އިނގިލި ދިއްކުރާ އެއިން ކޮންމެ މުއައްސަސާއެކޭ އެއްވަރު،" އީވާ ވިދާޅުވިއެވެ. 

އީވާ ވިދާޅުވީ އެމްޑީޕީއަށް 65 މެންބަރުންގެ މެޖޯރިޓީ ރައްޔިތުން ދިނުމުން ވެސް ޖުމްހޫރީ ޕާޓީގެ މިނިސްޓަރަކު ވަކި ކުރަން ޖެހުމުން އެކަން ސާބިތުކަމާއެކު ބުނަން ނުކެރޭނަމަ އެއީ މައްސަލައެއް ކަމަށެވެ. 

"ރަށު ތެރޭގައި ނުކުމެ އަޅުގަނޑުމެން ދެން ކާކަށް މޫނު ދައްކާލާނީ، އެ ރައްޔިތުން އަޅުގަނޑުމެން ގާތު ނާހާނެ ކީކޭތޯ ރައީސް ވިދާޅުވީ، ކީކޭތޯ ރައީސް ނަޝީދު ވިދާޅުވީ، އެހެނެއް ނާހާނެ، އެމީހުން ބަލާނީ ކަމެއް ކުރަން ފޮނުވާފައި ތިބީ އަޅުގަނޑުމެން ކަމަށް، އަޅުގަނޑުމެންނަށް ކަމެއް ނުކުރެވުނީ ކަމަށް،" އީވާ ވިދާޅުވިއެވެ.  

އެ ބައްދަލުވުމުގައި އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން 58 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން އަމީންގެ އިތުބާރު އޮތް ކަމަށް 31 މެންބަރަކު ވޯޓު ދެއްވިއެވެ. އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 27 މެންބަރުންނެވެ.

އެހެންކަމުން އަމީންގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅަން ފާހެއް ނުވިއެވެ. ނަމަވެސް މިކަމާ އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވީ ރައީސް ނަޝީދު، ޕީޖީ ބައްދަލުވުމުގައި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރެއްވިއެވެ. އަދި ވިދާޅުވީ، "ޕާޓީގެ ވިޕްލައިނުން ބޭރުންވެސް މި ވޯޓު އަޅުގަނޑުލާނަން،" ކަމަށެވެ.

ޕާޓީގެ ވިޕްލައިނާ ހިލާފުވުމަކީ ފިޔަވަޅު ވެސް އެޅޭ ކަމެކެވެ. ނަމަވެސް އެމްޑީޕީ މެންބަރުން މިހާރު ގެންދަވަނީ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޕެޓިޝަނެއް ހަދައި ސޮއި ކުރައްވަމުންނެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ އޭގައި ސޮއި ކުރައްވާ އެކަން ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.

މީކާއިލް ވިދާޅުވީ އަމީން ފާޅުކަން ބޮޑު ގޮތެއްގައި ވައްކަންކޮށް، ރައްޔިތުންގެ މުސާރަ ނަގައިގެން އިތުރަށް މަގާމުގަ ހުރުމަށް ނޭދޭތީ، އޭނާގެ އިތުބާރު ނެތްކަމަށް މަޖިލިސް ތަޅުމަށް ހުށައެޅުމަށް ސޮއި ކުރައްވާފައިވާ ކަމަށެވެ.

މިއީ މިފަދަ ގޮތަކަށް އެމްޑީޕީގެ ޕީޖީގެ ތެރޭގައި މިނިސްޓަރަކާމެދު ހިޔާލު ތަފާތުވި ދެވަނަ ފަހަރެވެ. މީގެކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ވެސް މަސައްކަތްތަކެއް ކުރިއެވެ.

މިނިސްޓަރު އަމީންގެ އިތުބާރު ގެއްލިފައިވާ ކަމަށް މެންބަރުން ދެކެނީ ވެންޓިލޭޓަރު މައްސަލާގައި އަމަލު ކުރައްވާފައިވާ ގޮތުންނެވެ. އެ މައްސަލާގައި މިނިސްޓަރު ހުންނެވީ މަސައްކަތުން އެކަހެރިކުރައްވާފައެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީއިން ޕީޖީއަށް ވެސް ފޮނުވިއެވެ.

ނަމަވެސް ޕީޖީއިން ނިންމާފައިވާ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ މައްސަލާގައި އަމީން ވެސް ހިމެނޭ ގޮތަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށެވެ. އަމީންއަކީ ކޯލިޝަން ޕާޓީއެއް ކަމަށްވާ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓްގައި އިންނެވި ބޭފުޅެކެވެ. އޭނާއަށް އެކި ފަހަރު މަތިން އެމްޑީޕީ މެންބަރުންގެ ނުރުހުން އަމާޒުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.