ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު އޮތް ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައިވީ ނަމަވެސް އަމީންއާ ދެކޮޅަށް މެންބަރުން ސޮއިކުރަން ފަށައިފިއެވެ. 

އަމީން މަގާމުން ވަކިކުރުމަށް ބައެއް މެންބަރުން ވަނީ ތާއިދު ކުރައްވާ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަފާއެވެ. އެހެންވެ، އެކަމަށްޓަކައި މެންބަރުންގެ ވިސްނުން ހުރި ގޮތެއް ބެލުމަށް މިއަދު ހަވީރު އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް ބޭއްވިއެވެ.

އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން 58 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން އަމީންގެ އިތުބާރު އޮތް ކަމަށް 31 މެންބަރަކު ވޯޓު ދެއްވިއެވެ. އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 27 މެންބަރުންނެވެ.

އެހެންކަމުން އަމީންގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅަން ފާހެއް ނުވިއެވެ. ނަމަވެސް މިކަމާ އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވީ ރައީސް ނަޝީދު، ޕީޖީ ބައްދަލުވުމުގައި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރެއްވިއެވެ. އަދި ވިދާޅުވީ، "ޕާޓީގެ ވިޕްލައިނުން ބޭރުންވެސް މި ވޯޓު އަޅުގަނޑުލާނަން،" ކަމަށެވެ.

ޕާޓީގެ ވިޕްލައިނާ ހިލާފުވުމަކީ ފިޔަވަޅު ވެސް އެޅޭ ކަމެކެވެ. ނަމަވެސް އެމްޑީޕީ މެންބަރުން މިހާރު ގެންދަވަނީ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޕެޓިޝަނެއް ހަދައި ސޮއި ކުރައްވަމުންނެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ އޭގައި ސޮއި ކުރައްވާ އެކަން ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ. 

މީކާއިލް ވިދާޅުވީ އަމީން ފާޅުކަން ބޮޑު ގޮތެއްގައި ވައްކަންކޮށް، ރައްޔިތުންގެ މުސާރަ ނަގައިގެން އިތުރަށް މަގާމުގަ ހުރުމަށް ނޭދޭތީ، އޭނާގެ އިތުބާރު ނެތްކަމަށް މަޖިލިސް ތަޅުމަށް ހުށައެޅުމަށް ސޮއި ކުރައްވާފައިވާ ކަމަށެވެ. 

މިއީ މިފަދަ ގޮތަކަށް އެމްޑީޕީގެ ޕީޖީގެ ތެރޭގައި މިނިސްޓަރަކާމެދު ހިޔާލު ތަފާތުވި ދެވަނަ ފަހަރެވެ. މީގެކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ވެސް މަސައްކަތްތަކެއް ކުރިއެވެ.

މިނިސްޓަރު އަމީންގެ އިތުބާރު ގެއްލިފައިވާ ކަމަށް މެންބަރުން ދެކެނީ ވެންޓިލޭޓަރު މައްސަލާގައި އަމަލު ކުރައްވާފައިވާ ގޮތުންނެވެ. އެ މައްސަލާގައި މިނިސްޓަރު ހުންނެވީ މަސައްކަތުން އެކަހެރިކުރައްވާފައެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީއިން ޕީޖީއަށް ވެސް ފޮނުވިއެވެ.

ނަމަވެސް ޕީޖީއިން ނިންމާފައިވާ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ މައްސަލާގައި އަމީން ވެސް ހިމެނޭ ގޮތަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށެވެ. އަމީންއަކީ ކޯލިޝަން ޕާޓީއެއް ކަމަށްވާ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓްގައި އިންނެވި ބޭފުޅެކެވެ. އޭނާއަށް އެކި ފަހަރު މަތިން އެމްޑީޕީ މެންބަރުންގެ ނުރުހުން އަމާޒުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.