މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ، މުޖުތަމަޢަށް އަލުން އެނބުރި ރުޖޫޢަވާން ޢަޒުމް ކަނޑައެޅުމަށް ނައިބް ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިހެން ގޮވާލެއްވީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ)ގެ ގަގާން ކުލިނިކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގެ ޚިދުމަތްތައް ރަސްމީގޮތުން ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

ނައިބް ރައީސް ވިދާޅުވީ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދީ، ޒުވާނުންނަކީ މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒުކަމުގައެވެ.

މުޖުތަމަޢަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، އެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކޮށް، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމުގައެވެ. އަދި، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ދުރުހެލިކުރުމަށް ތަފާތު ފަރުވާތައް ތަޢާރުފުކޮށް މަސައްކަތް ކުރަމުންދާ ކަމުގައި ވީ ނަމަވެސް، މި މަސައްކަތްތަކުގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ފުރިހަމަ އެއްބާރުލުމާއި ވެސް އެކުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށާއި، ޢާއިލާތަކާއި އަދި މުޖުތަމަޢުގެ ތެރެއިން ވެސް އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ނައިބް ރައީސް ވަނީ އެދިވަޑައިގެންފައެވެ. 

ގަގަން ކުލިނިކުގައި މިއަދު ފެށި ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގެ ޚިދުމަތްތަކުގެ ބޭނުމަކީ، އެން.ޑީ.އޭ.ގެ ބެލުމުގެ ދަށުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާހޯދަމުންދާ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، އެ ކަމަށް ބޭނުންވާ ފަރުވާގެ ޚިދުމަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.