ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއަށް އެކިއެކި ތުހުމަތުތައް އޮތްވައި، އެންމެފަހުން ކޮވިޑްއާ ގުޅިގެން ރާއްޖެ ގެންނަން ހަވާލުކުރި ވެންޓިލޭޓަރު މައްސަލާގެ އޮޑިޓް ފެންމަތިވިއެވެ. އެ އޮޑިޓްގައި ބޮޑެތި، ކަންބޮޑުވާން ޖެހޭ އެތައް ކަމެއް ފާހަގަކުރިއެވެ. އެއާ ވިދިގެން އޭސީސީއިން ކުރި ތަހުގީގުގައި ވެސް އަމީންއާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެގެން ދިޔައެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތުމުން ދައުވާއިން ވަނީ ސަލާމަތްވެފައެވެ. 

ޖިނާއީ ދައުވާއެއް އުފުލާނެ މިންވަރަށް އަމީންއާ ދެކޮޅަށް ހެކި ލިބިފައިނުވީ ނަމަވެސް އިތުރަށް އަމީން، ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި ހުރުމަށް ގިނަ އާންމުން ހާއްސަކޮށް އެމްޑީޕީގެ އާންމު މެންބަރުން ވެސް ބޭނުން ނުވާކަން އެމީހުން ޓްވިޓާގައި ފާޅުކުރި ޝުއޫރުތަކުން ހާމަވެއެވެ. ޒީރޯ ޓްލަރެންސްއަކީ އެފަދަ ތުހުމަތުތަކެއްވާނަމަ، މަގާމުން އެކަހެރިކުރުން ކަމަށް ވެސް އެމީހުން ބުނަމުންދިޔައެވެ. 

އެއާއެކު، އަމީން މަގާމުން ވަކި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވިއެވެ. ހަމައެހެން، މަޖިލިސް މެންބަރުންގެ އަރިހުގައި ވެސް އެކަމަށް އެދި މީހުން ޓްވީޓްކުރިއެވެ. ބައެއް މެންބަރުން ވަނީ އެކަމަށް ތާއިދު ކުރައްވާނެކަން ހާމަ ކުރައްވާފައެވެ. މީގެކުރިން ވެސް އެކި ފަހަރު މަތިން މަޖިލީހުގައި ވެސް އަމީނަށް އެމްޑީޕީ މަޖިލިސް މެންބަރުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވިއެވެ. 

އެހެންވެ އުއްމީދުކޮށްގެން ތިބީ އެމްޑީޕީ ޕީޖީ ގުރޫޕުން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް ކަން ހިނގީ އެހެނެއް ނޫނެވެ. އަމީންގެ އިތުބާރު އޮތް ކަމަށް 31 މެންބަރުން ދެކެއެވެ. އިތުބާރު ނެތް ކަމަށް ފެންނަނީ 27 މެންބަރުންނެވެ. އެމްޑީޕީ ޕީޖީ ގުރޫޕްގެ މެޖޯރިޓީ އޮތީ، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އަމީނަށެވެ. އެކަމަކީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ސީދާ ދެކޮޅު ކަމެކެވެ. 

އެމްޑީޕީ ޕީޖީ ގުރޫޕްގެ މި ނިންމުން ހާމަވުމާއެކު އެމްޑީޕީގެ އާންމު ބައެއް މެންބަރުން ގެންދަނީ ޓްވިޓާގައި ނުރުހުމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. މިހާރު ވެސް މުސާރަ ލިބޭ "ފިޔަވަޅެއް"ގެ ތެރޭގައި ހުންނެވި އަމީންގެ ސަސްޕެންޝަން ނިމި ވަރަށް އަވަހަށް މަސައްކަތަށް ނުކުންނަވާނެ ކަމަށް މިހާރު މަންޒަރުތައް ފެންނަ ގޮތުން ބެލެވެއެވެ. 

ޓްވިޓާގައި ޝުއޫރު ފާޅުކުރި މީހަކު ބުނެފައިވާ ގޮތުގައި އަމީންއަށް އެހާ ބޮޑު ތާއިދަކާއި އިތުބާރެއް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އޮތުމަކީ ހައިރާންވާ ކަމެކެވެ. ވެންޓިލޭޓަރު މައްސަލާގައި ކަން ހިނގާފައި އޮތް ގޮތަކީ އެންމެންނަށް ފެންނަން އޮތް ކަމަކަށްވާއިރު އެކަމުގައި އެއްވެސް ފިޔަވަޅެއް ނޭޅި ދިޔުމަކީ ދެރަވާ ކަމެއް ކަމަށެވެ. އެއީ ސަރުކާރުގެ ސިޔާސަތާ ހިލާފު ކަމެއް ކަމަށެވެ. 

ވެންޓިލޭޓަރު މައްސަލާގައި އެއްވެސް ފިޔަވަޅެއް ނޭޅިގެން އުޅެނީ އޭސީސީ މެންބަރުންގެ ގާބިލް ކަމެއް ނެތިގެން ކަމަށް މިއަދު އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުން ވަނީ ވިދާޅުވެފައެވެ. އޭސީސީއިން ވަނީ މައްސަލަ ތަހުގީގުކޮށްފައެވެ. އެކަމުގައި ފުލުހުންނާ ވެސް ގުޅިގެން ވެސް ތަހުގީގު ހިންގިއެވެ. ނަމަވެސް އެމްޑީޕީ މެންބަރުންނަށް އެ ތަހުގީގު ކަމުނުދާއިރު އެ މެންބަރުން ވަކި ކުރުމަށް ވެސް ވަނީ އަތުކުރި އޮޅާލާފައެވެ. ނަމަވެސް، ހަގީގަތުގައި ކަމުގެ އަސްލު ކަމުގައިވާ މިނިސްޓަރު އަމީން ވަކި ކުރުމުގެ ގަސްތެއް ނެތެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.