ހްލެތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން، އެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕީޖީގައި މިއަދު ނެގި ވޯޓުން އަމީން ވަކިކުރަން ހުށަނާޅާ ގޮތަށް ފާސްވެއްޖެއެވެ.
އަމީން މަގާމުން ވަކިކުރުމަށް ބައެއް މެންބަރުން ވަނީ ތާއިދު ކުރައްވާ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަފާއެވެ. އެހެންވެ، އެކަމަށްޓަކައި މެންބަރުންގެ ވިސްނުން ހުރި ގޮތެއް ބެލުމަށް މިއަދު ހަވީރު އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް ބޭއްވިއެވެ.
އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން 58 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން އަމީންގެ އިތުބާރު އޮތް ކަމަށް 31 މެންބަރަކު ވޯޓު ދެއްވިއެވެ. އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 27 މެންބަރުންނެވެ.
އެހެންކަމުން އަމީންގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅަން ފާހެއް ނުވިއެވެ. މިއީ މިފަދަ ގޮތަކަށް އެމްޑީޕީގެ ޕީޖީގެ ތެރޭގައި މިނިސްޓަރަކާމެދު ހިޔާލު ތަފާތުވި ދެވަނަ ފަހަރެވެ. މީގެކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ވެސް މަސައްކަތްތަކެއް ކުރިއެވެ.
މިނިސްޓަރު އަމީންގެ އިތުބާރު ގެއްލިފައިވާ ކަމަށް މެންބަރުން ދެކެނީ ވެންޓިލޭޓަރު މައްސަލާގައި އަމަލު ކުރައްވާފައިވާ ގޮތުންނެވެ. އެ މައްސަލާގައި މިނިސްޓަރު ހުންނެވީ މަސައްކަތުން އެކަހެރިކުރައްވާފައެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީއިން ޕީޖީއަށް ވެސް ފޮނުވިއެވެ.
ނަމަވެސް ޕީޖީއިން ނިންމާފައިވާ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ މައްސަލާގައި އަމީން ވެސް ހިމެނޭ ގޮތަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށެވެ. އަމީންއަކީ ކޯލިޝަން ޕާޓީއެއް ކަމަށްވާ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓްގައި އިންނެވި ބޭފުޅެކެވެ. އޭނާއަށް އެކި ފަހަރު މަތިން އެމްޑީޕީ މެންބަރުންގެ ނުރުހުން އަމާޒުވެއެވެ.