ކޮވިޑް-19އާއި ގުޅިގެން ރާއްޖެގެ ސިއްހީ ދާއިރާގެ ކެޕޭސިޓީ ބޮޑުކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ހެލްތުން ވެންޓިލޭޓަރު ގަތުމުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކޮށް 11 ފަރާތަކަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ފޮނުވާފައިވާ މައްސަލައިގައިހުރީ ގިނައިން އިދާރީ މައްސަލަތަކެއް ކަމަށާއި ޖިނާއީ ދައުވާއެއްކުރަން ދަތިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. 

ޝަމީމް މިހެން ވިދާޅުވީ މި 11 ފަރާތުގެ މައްޗަށް ދައުވާނުކުރުމަށް ޕީޖީ އޮފީހުން ނިންމުމާ ގުޅިގެން މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ. އެގޮތުން، ޝަމީމް ވިދާޅުވީ ވެންޓިލޭޓަރު ހޯދުމުގައި ވަރަށް ދަށްފެންވަރުގެ މަސައްކަތެއް ކޮށްފައިވުން އެކަށީގެންވާ ކަމަށާއި، އެހެންނަމަވެސް އޭގެ ސަބަބުން ކޮރަޕްޝަންގެ ދައުވާ ކުރަން ދަތިކަމަށެވެ. އޭސީސީއިން ފޮނުވާފައިވާ މައްސަލައިގައި ދައުވާ ކުރެވޭވަރަށް ހެކި ހިމަނާފައި ނުވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ އޮފީހުގެ ނިންމުން ތަފްސީލުކޮށްދެއްވަމުން ޝަމީމް ވިދާޅުވީ ކޮރަޕްޝަން ކަމުގައި ބެލެވޭނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް އޭގެ ނަތީޖާއެއްގެ ގޮތުން ފައިދާއެއް ލިބުމުން ކަމަށެވެ. އެގޮތުން ފައިދާއެއް ލިބިފައިވާކަން އެންމެ ފަސޭހައިން ސާބިތު ކޮށްދެވެނީ މާލީ ފައިދާއެއް ލިބިފައިވާކަން ސާބިތުކޮށްދީގެން ކަމުގައިވާއިރު، އޭސީސީއިން ހިންގި ތަހުގީގުގައި ގިނަ ބައެއްގެ މާލީ ބަޔާންތައް ބަލުމަށްފަހު މާލީ ފައިދާއެއް ލިބިފައި ނެތް ކަމަށް ނިންމާފައިވެއެވެ. އެހެންކަމުން، ކޮރަޕްޝަންގެ އަމަލެއް ހިންގައިފައިވާކަން ކޯޓުގައި ސާބިތުކޮށްދޭން ދަތިވާނެކަމަށް ތަކުރާރުކޮށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. 

އޭސީސީގެ ތަހުގީގުގައި ފާހަގަކޮށްފައިވާ ވަކިވަކި ކަންތައްތަކަށް ދައުވާނުކުރަން ނިންމި ސަބަބުވެސް ޝަމީމް ސާފުކޮށްދެއްވިއެވެ. މިގޮތުން، ބިޑުކޮމެޓީގެ ނިންމުމުގައި ސޮއިކުރިފަހުން ބިޑު ކޮމެޓީގެ ނިންމުމުގައިވާ މަސައްކަތް ޙަވާލުކުރަން ނިންމި ފަރާތުގެ ނަން “އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ” ގެ ނަމަށް ބަދަލުކޮށް ބިޑުކޮމެޓީގެ ނިންމުންކަމަށް ބަޔާންކޮށްފައިވާ އެހެން ލިޔުމެއްގައި ބިޑުކޮމެޓީގެ މެމްބަރުން ސޮއިކޮށްފައިވަނީ ވަކި ފަރާތަކަށް ހަވާލަކުރުމުގެ ނިޔަތުގައި ކަމަށް އޭސީސީއިން ބުނިނަމަވެސް، އެއީ އިދާރީ ކުށެށްގެ ސަބަބުން އެކަން ރަނގަޅުކުރުމަށް ކުރެވުނު ކަމެއްކަމަށް ޕީޖީ ވިދާޅުވިއެވެ.

އަދި، މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް) އަޙްމަދު އަސްލަމް ވެންޓިލޭޓަރު ގަންނާނެކަމުގެ ކޮންފަމޭޝަން ދިންކަމަށް އޭސީސީއިން ބުނިނަމަވެސް، އެ މެއިލްތައް ޕީޖީއިން ކިޔުމުން އަސްލަމް ފޮނުވާފައިވާ މެއިލްއަކީ އޭގެ ކުރީގެ މެއިލްތައް ލިބުނުކަން ކޮންފަރމް ކޮށްދޭން ފޮނުވާފައިވާ މެއިލްއެއްކަން އިނގޭކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. 

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ވެންޓިލޭޓަރު މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާއެއް ދައުލަތައް ގެއްލިފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، ޕީޖީގެ ނިންމުމާ ގުޅޭގޮތުން ހިތްހަމަނުޖެހި، އޭސީސީއިން އިތުރު މައުލޫމާތު ފޯރުކޮށްދީފިނަމަ ޕީޖީގެ ނިންމުން ބަދަލުވުން އެކަށީގެންވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވަނީ އެހެން ބައެއް މައްސަލަތައް ޕީޖީއަށް ފޮނުވުމުގެ ކުރިން އިޝާރާތް ކޮށްލައްވާކަމަށާއި މި މައްސަލަ ތަފާތުކަމަށް ވިދާޅުވެފައެވެ. އަދި މައްސަލަ ޕީޖީއަށް ފޮނުވުނީ ކުއްލިއަކަށް ކަމަށާއި ކުރިން މަޝްވަރާކުރެވުނު ގޮތަށް ނޫންކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި އޭސީސީގެ ތަހުގީގު ފުރިހަމަ ނޫންކަމަށް ވިދާޅުވެ މެންބަރުންގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުންވެސް ވަނީ ނިންމާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.