އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ، ސްރީ ލަންކާއަށާއި ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވަން ނިންމަވައިފިކަމަށް ބައެއް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ، އެކަން ޔަގީންވުމުން ފޮރިން މިނިސްޓްރީއިން އިއުލާންކުރާނެކަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ.
އެގޮތުން، އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އިންޑިއާގެ ދިއްލީގައި އޮންނަ ހާއްސަ ބައްދުލުވުމަކަށްފަހު ލަންކާއަށާއި ރާއްޖެއަށް މައިކް ޕޮމްޕޭ އަންނާނެއެވެ. ލަންކާއަށް ދަތުރުކުރަން ނިންމާފައިވަނީ އެ ގައުމުން ޗައިނާއާއެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން ހާރުޖީ ގުޅުންތަކަށް ބުރޫއަރާނެކަމަށް ގަބޫލުކުރައްވާތީއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީއިން ބުނީ ބޭރުގެ އިސްވެރިޔެއް ރާއްޖެ ވަޑައިގަންނަވާނަމަ، އެކަން ޔަގީން ވުމުން މިނިސްޓްރީއިން އިއުލާން ކުރާނެކަމަށެވެ. އަދި ކޮވިޑްގެ މި ނުރައްކާތެރި ހާލަތުން ސަލާމަތްވުމުގެ މަސައްކަތް ކުރަމުންދާއިރު، ބޭރުގެ އިސްވެރިން ރާއްޖެ ވަޑައިގަތުމަށް އަބަދުވެސް މަރުހަބާ ކިޔާނެކަމަށެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މައިކް ޕޮމްޕޭ ރާއްޖެ ވަޑައިގަންނަވަނީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއި ކުރެވުނު "ފްރޭމްވޯރކް ފޮރ ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް" ގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން އިތުރަށް މަޝްވަރާކުރުމަށް ކަމަށް ބެލެވެއެވެ. މި އެއްބަސްވުމުގެ ދަށުން ކަނޑުފޭރުމާއި ނިރުބުވެރިކަމާއި ހަރުކަށިފިކުރާއި މަސްތުވާތަކެތީގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް އެމެރިކާއިން މަޝްވަރާ ބައްދަލުވުންތައް ބާއްވައި ތަމްރީން ޕްރޮގްރާމްތައް ހިންގާނެއެވެ.
ސްރީ ލަންކާއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ސަރުކާރުން ޗައިނާއާއެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން އެމެރިކާއާއި އޮންނަ ގުޅުން ހީނަރުވެދާނެތީއެވެ. ލަންކާގެ ބޮޑު ވަޒީރު މަހިންދަ ރަޖަޕަކްސަ އަދި ރައީސް ގޮޓޮބަޔަ ރަޖަޕަކްސަ ވެރިކަމާ ހަވާލުވުމުގެ ފަހުން، ޗައިނާއާއެކު އޮންނަ ގުޅުން އަންނަނީ ރަނގަޅުވަމުންނެވެ.
އެގޮތުން، ފްރީ ޓްރޭޑް އެގްރީމެންޓްއެއް އެކުލަވާލުވުމުގެ މަސައްކަތުގެ އިތުރުން، އެހެން ގައުމްތަކުން ދީފައިވާ އެހީތަކުގެ ބަދަލުގައި ހަމަ އެކަނި ޗައިނާއިން ލޯނު ނެގުމުގެ ސިޔާސަތެއްވަނީ ފެށިފައެވެ. އެގޮތުން، އެމެރިކާއިން ދީފައިއޮތް 480 މިލިއަން ޑޮލަރުގެ އެހީއަކާއި، ޖަޕާނުން ދީފައިއޮތް 1.5 ބިލިއަން ޑޮލަރުގެ އެހީއެއްވެސް ބޭނުން ނުކުރުމަށް ލަންކާގެ ސަރުކާރުން ވަނީ ނިންމާފައެވެ.