ތައިލެންޑްގެ ސަރުކާރާއި ރަސްކަމާއި ދެކޮޅަށް އެގައުމުގެ ދަރިވަރުން އިސްވެ ކުރިޔަށް ގެންދާ މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން ޓެލެގްރާމް މެސެޖިން އެޕް ބޭން ކުރުމުގެ މަސައްކަތް ފަށައިފިއެވެ. 

މުޒާހަރާތައް ރާވައި ހިންގުމަށާއި މީހުން ތަންތަނަށް އެއްކުރުމަށް ބޭނުންކުރަމުން އަންނަނީ ޓެލެގްރާމްއެވެ. މިކަމާއި ގުޅިގެން އެގައުމުގައި އިންޓަނެޓް ހިދުމަތް ދޭ ފަރާތްތަކަށް ވަނީ ޓެލެގްރާމްއަށް ނުވަދެވޭ ގޮތަށް ހެދުމަށް އަންގާފައެވެ. މިކަން ހާމަވީ އޮންލައިންކޮށް ލީކުކޮށްލި ސަރުކާރުގެ ޑޮކިއުމެންޓަކުންނެވެ. 

މިދިޔަ ހަފްތާގައި މުޒާހަރާތައް ހުއްޓުވުމަށް ކުއްލި ނުރައްކަލުގެ ހާލަތު އެގައުމުގައި އިއުލާންކޮށްފައިވާއިރު ފުލުހުން ވަނީ ހަތަރު ނޫހެއް ވެސް ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. 

ބޮޑު ވަޒީރުގެ އިސްތިއުފާ އަށާއި ރަސްގެފާނަށް ލިބިފައިވާ ބާރުތައް ހަނިކުރުމަށް ގޮވާލައި އެގައުމުގެ މުޒާހަރާ ކުރާތާ މަސްތަކެއް ވަނީ ވެފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ނަމަވެސް އަދިވެސް މުޒާހަރާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން މިހާތަނަށް 80 މީހަކު މި މުޒާހަރާތަކުގައި ހައްޔަރުކޮށްފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.