ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށަހަޅުއްވާފައިވާ، ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލު ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މާހިރަކު ގެނައުމަށް އިންތިޒާމްތައް ހަމަޖައްސަން އެންގެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދުގެ ޖަލްސާގައި ބިލުގެ އިބްތިދާއީ ބަހުސްކުރިއަށްދިޔަ ވަގުތުގައެވެ. ބަހުސްކުރިއަށްދިޔަ ވަގުތުގައި، ބިލުގައި ބަޔާންކޮށްފައިވާ އެއްޗެއް ފަހުމްނުވާކަމަށް ވިދާޅުވެ ތަފްސީލު ކޮށްދެއްވުމަށް ރައީސް ނަޝީދުވަނީ މެންބަރުންގެ އަރިހުން ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑަށް މި ކީކީހެން ވެސް ހަމަ ހައްތާ ވެސް ފަރަންސޭސި ބަހުން ލިޔެފައި އޮތް ހެެން ހީވުމާއި، އެއްގޮތަކަށް ވެސް ވާއެއް ނުވާއެއް ނޭނގޭ ގޮތް އަޅުގަނޑަށް ވަމުން ދިޔައީ" އެމަނިކުފާނު ވިދާޅުވިއެވެ. 

ބިލުގައި ބަޔާންކޮށްފައިވާ އެއްޗެއް ތަފްސީލު ކޮށްދިނުމަށް މަޖިލީހުގެ ރައީސް ނަޝީދު އެންމެ ފުރަތަމަ އެދިވަޑައިގެންނެވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އަރިހުންނެވެ. އިލްޔާސް ލަބީބް ވިދާޅުވީ، މި ބިލުގެ ސަބަބުން އާންމުންނަށާއި ވިޔަފާރިތަކަށް ދިމާވަމުންދާ ގިނަ އުނދަގޫތަކައް ހައްލެއް ލިބިގެންދާނެކަމަށެވެ. 

އެގޮތުން، މިހާރު ޗެކެއް ނުވަތަ އޮންލައިން ޓްރާންސްފަރ މެދުވެރިކޮށް ކުރާ މުއާމަލާތެއްގައި އެހެން ބޭންކަކަށް ފައިސާ ޖަމާވާނަމަ، އެ މުއާމަލާތް ފުރިހަމަވާން ގިނަ ވަގުތުނަގާކަން ފާހަގަކުރައްވާ އިލްޔާސް ލަބީބް ވިދާޅުވީ ބިލުގައި ބުނާ ސިސްޓަމްގެ ސަބަބުން މުއާމަލާތްތައް ވަގުތުން ފުރިހަމަ ކުރެވިގެންދާނެކަމަށެވެ. 

ސަރުކާރުން ފާހަގަކުރައްވާފައިވާ ގޮތުގައި، މި ބިލުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ފައިސާއިން ނުވަތަ ބޭރު ފައިސާއަކުން ނަމަވެސް، ޕޭމަންޓް އިންސްޓްރަކްޝަންތަކާއި ފައިސާ ޓްރާންސްފަރތައް ފޮނުވުމާއި ލިބުން އަދި ޕްރޮސެސްކުރުމާ ގުޅުންހުރި އެންމެހައި ކަންކަން ހިމެނޭ ދިވެހިރާއްޖޭގެ ގައުމީ ޕޭމެންޓް ސިސްޓަމްއެއް ގާއިމްކުރުމެވެ. 

މި ބިލުގެ ދަށުން، ގާނޫނާއި ގަވާއިދާ ހިލާފަށް ސިސްޓަމް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާ ގުޅޭ އުސޫލުތައްވެސް ބަޔާންކުރެވިގެންދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.