ބަލިމީހަކު ޑޮކްޓަރަކާއެކު --ފޮޓޯ: ގެޓީ އިމޭޖެސް

ކޮވިޑާއެކު ދޮޅު އަހަރެއްހާ ދުވަސް ވެފައި ވާއިރު، އެތައް ބަޔަކު މި ބަލި ޖެހި ރަނގަޅުވެ ހިނގައްޖެއެވެ. ނަމަވެސް ކޮވިޑް ޖެހި ރަނގަޅު ވާ މީހުންގެ ކިބައިން ވެސް ދިގު މުއްދަތަކަށް މި ބަލީގެ އަލާމާތްތައް ފެންނަ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

ކޮވިޑުން ރަނގަޅު ވާ މީހުންގެ ކިބައިން ފެންނަ އަލާމާތްތަކާ ގުޅޭގޮތުން ތަޖުރިބާކާރުން އަދިވެސް ދަނީ ދިރާސާތައް ކުރަމުންނެވެ. ނަމަވެސް ހުރިހާ ޑޮކްޓަރުންގެ ވެސް އޮތީ އެއް ލަފައެލެވެ. ކޮވިޑުން އެއްކޮށް ރަނގަޅު ވާނެ ވަގުތު ނަގާނެތީވެ، އާންމު ދިރިއުޅުމަށް އަނބުރާ ދާނީ މަޑުމަޑުން ކަމަށެވެ.

ކޮވިޑް ޖެހި ރަނގަޅުވެފައިވާ ބައެއް މީހުން ބުނާ ގޮތުގައި، ބަލި ޖެހި، ރަނގަޅު ވުމަށްފަހު ވެސް ބަލީގެ އުނދަގޫތައް ތަހަންމަލު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، ބައެއް މީހުން ވަނީ އެމީހުންގެ ތަޖުރިބާ ހިއްސާ ކޮށްފައެވެ.

ވަރުބަލިވުން

ކޮވިޑް ޖެހި ރަނގަޅު ވުމަށްފަހު އަމިއްލައަށް ފެންވަރާނެ ހާ ހަކަތަ ވެސް އަހަރެން ގަޔަކު ނުހުރޭ. އެއް ދުވަހު އަހަރެން ނިންމީ، އަމިއްލައަށް އަހަރެންގެ ދިގު އިސްތަށިގަނޑު ޝޭމްޕޫ ކޮށްގެން ފެންވަރަން. އިސްތަށިގަނޑުގައި ޝޭމްޕޫ ލުމަށްފަހު ވަރުބަލި ވެގެން ގޮސް ކިރިޔާ އަނބުރާ ގަނެގެން ނުވެއްޓުނީ. ދެން ޖެހުނީ ޝޭމްޕޫ ވެސް ނުދޮވެ، ގައިގަ ވަރު ޖެހެންދެން ގޮސް އޮށޯންނަން

ކަކޫ ތުރުތުރުލުން

އަހަރެން ކޮވިޑުން ރަނގަޅުވެ، އަނބުރާ ވަޒީފާއަށް ނިކުތުމަށްފަހު ފާހަގަ ވާން ފެށީ ކަކޫ ތުރުތުރު ލާކަން. މިކަމުގެ ސަބަބުން ކޮޅަށް ނުހުރެވޭނޭ ހީކުރެވޭ ވަގުތުތައް ގިނަ. ދެތިން ދުވަސް ވަންދެން ކަކުލަށް ވަރަށް ތަދުވި، ރަނގަޅުވާން ދުވަސްކޮޅެއް ނެގި

ހަމަ ނިދި ނުލިބުން

ކޮވިޑް ޖެހުމުގެ ކުރިން އަހަންނަކީ ވަރަށް ރަނގަޅަށް ނިދާ މީހެއް. ނަމަވެސް ކޮވިޑް ޖެހި، ރަނގަޅު ވުމަށްފަހު ނިދުމަށް ވަރަށް އުނދަގޫ ވެގެން ދިޔަ.

ބޮލުގަ ރިއްސުން

ކޮވިޑާއެކު ވަރަށް ބޮޑަށް ބޮލުގަ ރިއްސާ. ހީވަނީ ބޮލުގެ މެދުގައި ރޮޑެއް ހުންނަހެން. ބައެއް ފަހަރު ހީވެ ބޮލުތެރޭގައި ޑްރިލްއެއް ޖައްސާފައި ހުންނަ ހެން ވެސް. އެކަމަކު މި ރިހުން އައިސްފަ ދާނީ. ގިނަ ވަގުތު ބޮލުގަ ރިއްސާފަ ނެތް ނަމަވެސް، ކޮވިޑުން ރަނގަޅުވުމަށްފަހު ދުވާލުގެ އެކި ވަގުތުތަކުގައި ކުއްލި ކުއްލިއަށް ބޮލުގަ ރިއްސާ

ސިފަ ގެއްލުން

ހަންގަނޑުގެ އަސްލު ކުއްލައާއި ގެއްލި، ފަނޑުވެފައި ހުންނަނީ. މޫނު ކުޑަކޮށް ދުޅަވެފައި ހުންނަނީ ވެސް. އަހަރެން ގައިގަ އަހަރެން ވައްތަރެއް ނުޖަހާ

ސަމާލުކަން ނުދެވުން

އަހަރެން ކޮވިޑް ޖެހި ރަނގަޅު ވީ ފަހުން، ކޮންމެ މެސެޖެއް ދެ ފަހަރު ކިޔަން ޖެހޭ. މީހަކު ދައްކާ ވާހަކައެއް އަޑުއަހައިގެން ހުއްޓަސް ވަރަށް އަވަހަށް ސަމާލުކަން ގެއްލޭ، ގިނަ ފަހަރު ޖެހެނީ އެ ވާހަކައެއް ތަކުރާރުކޮށް ދިނުމަށް އެދެން. މަސައްކަތުގެ މާހައުލުގައި ކަންކަމަށް ސަމާލުކަން ދިނުމަށް އަހަރެން ހުންނަނީ ވަރަށް ގިނައިން ކެފެއިން ބޮއެގެން.

ނަފްސާނީ މައްސަލަތައް

ކޮވިޑާ ހަނގުރާމަ ކުރަން ޖެހުނީ ހަމައެކަނި ޖިސްމާނީ ގޮތުންނެއް ނޫން، ނަފްސާނީ ގޮތުން ވެސް ކުރަން ޖެހުނު. އާއިލާއާ ރައްޓެހިންނާ ބައްދަލުނުވެ، ވަށައިގެން އެތައް ބަޔަކު މަރުވަމުން ދިޔައިރު އިހުސާސް ކުރެވުނީ އެއްވެސް އުއްމީދެއް ނެތް ކަން. ބަލި ޖެހި ރަނގަޅު ވުމުން ވެސް ވަރަށް ގިނައިން ރޮވޭ. މިހާރު މީހުން ބުނޭ، އެއީ އެހެން މީހުން މި ބަލީގެ ވޭނުގައި އުޅެމުން ދާއިރު އަހަންނަށް ވޭން ތަހައްމަލު ކުރަން ނުޖެހުމުން ކުރެވޭ އިއުސާސެކޭ ވެސް.

ކޮވިޑުން ރަނގަޅުވި ބައެއް މީހުން ބުނާ ގޮތުގައި، ބަލިން ރަނގަޅުވުމަށްފަހު ޕެނިކް އެޓޭކްތައް އަންނަން ފެށި ކަމަށެވެ. ހަމައެއާއެކު ރޭގަނޑު ނުނިދުމާއި، ކުޑަ ކުޑަ ކަންކަމުގައި ހާސްވުން އިތުރުވެ، ރުޅި ގަދަ ވާ ކަން އެމީހުން ފާހަގަ ކުރެއެވެ.

ކޮވިޑަކީ އާދައިގެ ރޯގާއެއް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވުނު ނަމަވެސް، މި ބަލީގެ ވޭން ތަހައްމަލު ކުރަމުންދާ މީހުންނަށް މިއީ އާދައިގެ ރޯގާއެއް ނޫން ކަން އެނގެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.