ކަކުލުގެ އެންޓީރިއަރ ކުރީޝިއޭޓް ލިގަމެންޓް (އޭސީއެލް) އަށް ލިބުނު އަނިޔާއަކާއި ގުޅިގެން ލިވަޕޫލްއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ. އޭނާއަށް އަނިޔާވީ ލިވަޕޫލް އާއި ވާދަވެރި އެވަޓަން 2-2 އިން އެއްވަރުވި މެޗުގައެވެ. އުމުރުން 29 އަހަރުގެ ވެންޑައިކްއަށް އަނިޔާވީ އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ޓެކްލެއްގެ ސަބަބުންނެވެ. 

މި އަނިޔާއާ ގުޅިގެން އޭނާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ވަކި މުއްދަތެއް އަދި ސާފުވެފައެއް ނުވެއެވެ. ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައި ވެންޑައިކް ބުނީ އަނިޔާއިން ރަނގަޅުވުމަށް އޮތް ޗެލެންޖަށް އޭނާ ހުރީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި މިހާރު ހުރިހާ ފޯކަސްއެއް ވެސް ހުރީ އަނިޔާއިން ރަނގަޅުވާން ކަމަށާއި ވީއެންމެ އަވަހަކަށް އަނިޔާއިން އެނބުރި އައުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ. 

އޭސީއެލްގެ އަނިޔާއިން ރިކަވަރ ވުމަށް ދިގު މުއްދަތެއް ހޭދަވާއިރު ލިވަޕޫލްއިން ވަނީ އޭނާ އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އަންނާނެ ދުވަހެއް ހާމަކުރުމަށް ދެކޮޅު ހަދާފައެވެ. އޭނާގެ ސާޖަރީ ވަގުތުން ހަދަން ނުޖެހޭއިރު އަދި އެ އިންތިޒާމްތައް ހަމަޖައްސަން ލިވަޕޫލްއިން ފަށާފައެއް ނުވެއެވެ. 

2018 ވަނަ އަހަރު 75 މިލިއަން ޕައުންޑަށް ލިވަޕޫލްއަށް ބަދަލުވުމަށްފަހު ވެންޑައިކް އަންނަނީ އެ ޓީމުގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެވަޓަންގެ މެޗުގެ ކުރިން އޭނާ ލިވަޕޫލްއަށް މި ސީޒަނުގައި ކުޅެފައިވަނީ ހަތް މެޗުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.