މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ގުޅިގެން މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަމާޒުކޮށްގެން އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޔުނިވަރސިޓީ ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ހިންގާ ޚާއްޞަ ޕުރޮގުރާމެއް މިއަދު އިފްތިތާހުކޮށްފިއެވެ. މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމްއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ވަރަށް މަތިވެރި މަސައްކަތެއް ކުރާ ބަޔެއްކަމަށާއި، އެއީ މުޖުތަމަޢުގެ ޤަދަރާއި ލޯތްބާއި އިޙުތިރާމު ލިބިފައިވާ ބަޔެއްކަމުގައެވެ. އެހެންކަމުން، މުޖުތަމަޢުގެ ތެރޭގައި ހިނގާ ނޭދެވޭ އަމަލުތައް ހުއްޓުވައި ރަނގަޅުކުރުމާއި، މުޖުތަމަޢުގެ ފަރުދުންނަށް ރިވެތި އަޚުލާޤު ދަސްކޮށްދިނުމާއި، ހެޔޮ ކަންތައްތަކަށް ގޮވައިލުމަކީ އެ ބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައި ދެކެންވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި އިހުނަށްވުރެ އިސް ދައުރެއް އަދާކުރުމަށް އެމަނިކުފާނު އިމާމުންނާއި މުދިމުންނަށް ގޮވާލެއްވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ޒުވާނުންނަށް ޚާއްޞަކޮށްގެން ސަރުކާރުން ތަފާތު ޕުރޮގުރާމުތައް ހިންގަމުންދާކަމުގައި ވަނީ ހާމަކުރައްވާފައެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެ މަނިކުފާނު ވަނީ ކޮންމެ ފަރުދަކު ވެސް ބޭނުންވާ ދާއިރާއަކުން ތަޢުލީމު އުނގެނި، ތަމްރީނު ހޯދައި، ކުރިއަރައިގެން ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމުގައި ވިދާޅުވެ، މި ސިޔާސަތުގެ ބޭނުމަކީ، ކޮންމެ ޒުވާނަކީ ވެސް، ބޭނުންތެރި، މަސައްކަތްތެރި، އުފެއްދުންތެރި، ޤައުމަށް ފައިދާހުރި، އަދި ވަކިން ޚާއްޞަކޮށް އެހެން މީހުންނަށް ބަރޯސާވާން ނުޖެހޭ މީހެއްގެ ގޮތުގައި ބިނާކުރުން ކަމުގައި ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އިމާމުންނާއި މުދިމުންނަށް ޚާއްޞަކޮށްގެން ހިލޭ ކުރިއަށްގެންދާ މި ޕުރޮގުރާމުގައި ޖުމްލަ 384 ފަރާތުން ބައިވެރިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.