ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް (އެންއައިސީ) އަށް ހަތަރު މެންބަރަކު އައްޔަންކުރުމަށް މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ ހަތްވަނަ ޖަލްސާގައި ރުހުންދީފިއެވެ. 

އެންއައިސީއަށް އައްޔަންކުރުމަށް ރުހުންދީފައިވަނީ އަލްފާޟިލާ އާމިނަތު ޝާދިޔާ (މ.ފިސްތާގެ)، އަލްފާޟިލާ އާމިނަތު ޝިއުނާ (ގ.ދޫރެސްވިލާ)، އަލްފާޟިލް ޝުޢައިބް ޢަބްދުއްރަޙްމާން (ދަފްތަރު ނަންބަރު ރސ 1188) އަދި އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރުވާލުމުގައި ބޮޑު ދައުރެއް އަދާކުރި އަލްފާޟިލް ޤާސިމް ޢަބްދުލްކަރީމް (ނިކަގަސްދަށުގެ/ޅ.ނައިފަރު)އެވެ. 

އެންއައިސީއަށް އައްޔަންކުރުމަށް ފެންނަ 17 ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މަޖިލީހަށް ފޮނުއްވުމުން، އެ ނަންތައް ދިރާސާކުރުމަށްފަހު މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއިން އެކުލަވާލި ރިޕޯޓުގައި އޮތީ ހަތް ބޭފުޅެއްގެ ނަމެވެ. އެ ލިސްޓުގައި ހައިލީ ރިކޮމެންޑެޑް ގޮތުގައި ފާހަގަކޮށްފައި އޮތް ޝާދިޔާ އަދި ޝިއުނާއަށް ރުހުންދޭން ފެންނަކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންވެސް ވޯޓު ދެއްވާފައިވެއެވެ. ރިކޮމެންޑެޑް ގޮތުގައި ފާހަގަކޮށްފައި އޮތް ޝުޢައިބުއަށް ލިބިވަޑައިގެންނެވީ 51 މެންބަރުންގެ ވޯޓެވެ. 

ޤާސިމްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވެވީ ވަކިންނެވެ. އެހެންކަމުން ކޮމިޓީއިން އެކުލަވާލީވެސް ވަކި ރިޕޯޓެކެވެ. ޤާސިމްއަށް ރުހުންދޭން ވޯޓުދެއްވީ 51 މެންބަރުންނެވެ. 

ޤާސިމް ޢަބްދުލްކަރީމްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައުލޫމާތު ލީކުކޮށްލި ފަރާތެކެވެ. އެގޮތުން، ފ.ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ހުންނަވައިގެން އެމްއެމްޕީއާރްސީގެ މައުލޫމާތު ލީކުކުރުމުން، 1 އަހަރާއި 4 މަހުގެ ޖަލު ހުކުމެއްވެސް ޤާސިމްއަށް އައެވެ. ޤާސިމް ޖަލުން މިނިވަންވީ 2017 ގައެވެ.

އެންއައިސީ އަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އެ ކޮމިޝަނުގެ މެންބަރަކަށް މިހާރު ހުރީ ކާނަލް ރިޓަޔަރޑް އަހްމަދު ޖިހާދު އެކަންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.