ކުޅުދުއްފުށީ ސިޓީގައި ކޮވިޑްގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ލޯކަލް ޓްރާންސްމިޝަންގެ މާނައަކީ އެއް ބައެއްގެ ތެރޭގައި ނުވަތަ އެއް ކްލާސްޓާ ތެރޭގައި ބަލި ފެތުރުމެވެ.
ކުޅުދުއްފުށީ އިއްޔެ ވަނީ މޮނީޓަރިންގެ ހާލަތަަށް ވެސް ގެނެސްފައެވެ. މޮނީޓަރިންއަށް ގެނައީ ރެންޑަމްކޮށް ފުލުހުންގެ ތެރެއިން ނެގި ސާމްޕަލްތަކެއް ޕޮޒިޓިވްވެ، އަދި އެމީހުންގެ ބައެއް އާއިލާ މީހުން ވެސް ޕޮޒިޓިވްވެފައިވާތީއެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި 75 އަހަރުގެ މީހަކު ވެސް ހިމެނެއެވެ. އެމީހާ މިހާރު ވަނީ ފުނަދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައެވެ.
ކުޅުދުއްފުށީ ކައުންސިލުން ވަނީ ކޮވިޑްގެ ބިރު ބޮޑުވެފައިވާ ކަމަށް ބުނެ، ރައްކާތެރިކަން އިތުރު ކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ގިނަ އަދަދެއްގެ ބަޔަކު ކުޅުދުއްފުށީގައި މިހާރު ވަނީ އެކަހެރި ވެސް ކޮށްފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުން ވެސް ހިމެނެއެވެ. އެއީ ފުޓްބޯޅަ އެކަޑެމީއެއްގެ ކުދިންތަކެކެވެ.