އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިވެހި ގައުމަށްޓަކައި ފުރާނައާއި ލެއިން ގުރުބާންވާން އޮތް ސަލާމަތީ ފައުޖެއް މި ގައުމުގައި އޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ގައުމާ މުހާތަބުކުރައްވާ ދެއްވި ހާއްސަ ހިތާބުގައެވެ.

މި ހިތާބުގައި ރައީސްވަނީ ދިވެހިރާއްޖެ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ދެމި އޮންނަނީ މި ގައުމަށްޓަކައި ގުރުބާންވާން ތިބި ރައްޔިތުންގެ ކުޅަދާނަކަމުންކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ގައުމީ ދުވަސް އެ ބަތަލެއްގެ ހަނދާނުގައި ފާހަގަކުރެވޭ ބޮޑުތަކުރުފާނާއި، ގައުމީ ޖިހާދުގައި ގުރުބާންވެފައިވާ އެންމެހާ ގައުމީ ބަތަލުންގެ ހަނދާންތައް އާކޮށް ހެޔޮ ދުޢާ ކުރުމަކީ ގައުމީ ވާޖިބެއްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިހާރުވެސް ގައުމަށްޓަކައި ފުރާނައިން ގުރުބާންވާންއޮތް ސިފައިންގެ ފައުޖެތް ލިބިފައިވާތީ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ގައުމީ ދުވަހުގެ މުހިންމުކަންވެސް ރައީސްވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ރައީސް ވިދާޅުވީ މި ދުވަހަށް އެންމެ މަތިވެރި ގަދަރެއްދެވެނީ މިއީ މިނިވަންކަމަށާއި އަމިއްލަވަންތަކަމަށް އެންމެ މަތިވެރި ނަސްރެއް ލިބުނު ދުވަސްކަމަށްވާތީކަމަށެވެ. މިނިވަންކަމާއި އަމިއްލަވަންތަކަން ދެމި އޮންނާނީ ގައުމިއްޔަތު ދިރުވައި އާލާ ކުރުމަށް އަހަންމިއްޔަތުކަން ދީގެންނެވެ.

ދިވެހި ގައުމިއްޔަތުގެ ހައިބަވަންތަކަން އިތުރުކޮށްދޭ މަތިވެރި ނިއުމަތްތައްކަމަށްވާ އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހި ސަގާފަތަކީ ގައުމީ އަމާނާތްތަކެއް ކަމަށް ވިދާޅުވެ ރައީސްވަނީ، ޅަ ދަރީންނާއި ޒުވާނުންގެ ހިތުގައި މި ގައުމިއްޔަތުގެ ތަބުތަކަށް ހާއްސަ ލޯތްބަކާއި ގަދަރެއް އުފައްދަންޖެހޭކަން ފާހަގަކުރައްވާފައެވެ. އެކަން ކުރެވެން އަންނަނީ މިހާރުގެ ޖީލުތަކުންވެސް ގައުމިއްޔަތަށް އަހަންމިއްޔަތުކަން ދީގެންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ގައުމީ ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. އެއީ، 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ ސަލާމަތްވީ ދުވަހުގެ އުފާފާޅު ކުރުމުގެ ގޮތުންނާއި، އެ މިނިވަންކަން ހޯއްދަވައިދެއްވި ބޮޑުތަކުރުފާނު ފަދަ ބޭބޭފުޅުން ދިވެހިރާއްޖެއަށްޓަަކައި ވެދެއްވާފައިވާ ގުރުބާނީ ހަނދާންކުރުމުގެ ގޮތުން ފާހަގަކުރެވޭ ދުވަހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.