ދިވެހިރާއްޖެއިން ޚާރިޖީ ގުޅުންތައް އެހެން ގައުމުތަކާއެކު ހަރުދަނާކުރަމުން އަންނަނީ ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ދުވަހާއި ގުޅިގެން ގައުމާއި މުހާތަބު ކުރައްވާ ދެއްވި ޚިތާބުގައެވެ. 

އެމަނިކުފާނު ވިދާޅުވީ ޚާރިޖީ ގުޅުންތައް ހުރިހާ ގައުމަކާއެކު ހަރަދަނާކުރަމުންދާއިރު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުމާއި އެ ގުޅުންތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާ އާއި ލާބަ ލިބޭނެކަން ކަށަވަރުކުރައްވާ ކަމަށެވެ. އަދި މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މި ސިޔާސަތު ތަންފީޒްކުރައްވަމުން ގެންދަވާ ކަމަށާއި ކުރިމަގުގައި ވެސް އެ ސިޔާސަތު ދަމަހައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

މި ސަރުކާރު ފެށުނުއިރު ރާއްޖެ އޮތީ ބައިނަލްއަގްވާމީ ދުނިޔެއިން އެކަހެރި ވެފައި ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ލިބެންހުރި އެތައް މަންފާތަކާއި އެތައް އެހީއެއް ލިބުމަށް ހުރަސް އެޅިގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް ބަދަހިވަމުން އަންނަ ޚާރިޖީ ގުޅުންތަކުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ގައުމެއް ލިބެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. 

ކޮވިޑުން އަރިގަތުމުގައި ހޯދިފައިވާ ކުރިއެރުންތަކާއި ކާމިޔާބުތަކުގެ އެއް ސަބަބަކީ ރާއްޖެއާ ބައިނަލްއަގްވާމީ މުޖުތަމައުއާ އޮތް ބަދަހި ގުޅުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފަންނީ ގޮތުންނާއި މާލީ ގޮތުން ރާއްޖެއަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ދީލަތި އެހީތައް ލިބެމުންދާ ކަމަށް ވިދާޅުވެ ރައީސް ވަނީ މިފަދަ އެހީތައް ދެމުންދާ ފަރާތްތަކަށް ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.