ނިއު ޒީލެންޑްގެ ބޮޑުވަޒީރުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ޖެސިންޑަ އަރްޑަރންއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ ޖިއޮގްރަފީގެ ގޮތުން ރާއްޖެއާ ކިތަންމެ ދުރުގައި ނިއު ޒީލެންޑް އޮތަސް އެގައުމަކީ ރާއްޖެއާ ވަރަށް ގާތް ގައުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެގައުމުގެ ސަރުކާރާއެކު ދެގައުމަށް ވެސް މުހިންމު ބޭނުންތެރި ކަންކަމުގައި އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވި ކަމަށްޓަކައި އެކަމަނާއަށް މަރުހަވާ ވިދާޅުވެފައެވެ.
އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނިއު ޒިލެންޑްގެ އިންތިހާބުގެ 77 އިންސައްތަ ވޯޓު ގުނައި ނިމުނުއިރު، އޭގެ ތެރެއިން 49 އިންސައްތަ ވޯޓު ކާމިޔާބު ކޮށްފައިވަނީ ޖެސިންޑަ އަރްޑަރންގެ ލޭބަރ ޕާޓީއިންނެވެ. އިދިކޮޅު ނޭޝަނަލް ޕާޓީއަށް ލިބުނީ އެންމެ 27 އިންސައްތައެވެ. މިއާއެކު، ނޭޝަނަލް ޕާޓީގެ ލީޑަރު ޖޫޑިތް ކޮލިންސް ވަނީ އިންތިހާބުން ބަލިވެއްޖެކަން ގަބޫލުކޮށް، ޖެސިންޑަ އަރްޑަރންއަށް މަރުހަބާ ދަންނަވާފައެވެ.
މިއީ ލޭބަރ ޕާޓީއިން ފާއިތުވެދިޔަ 50 އަހަރުގެ ތެރޭގައި އިންތިހާބަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.