ނިއު ޒިލެންޑްގެ ބޮޑު ވަޒީރުކަމަށް އަނެއްކާވެސް ޖެސިންޑަ އަރްޑަރން ހޮވިވަޑައިގެންފިއެވެ.

އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނިއު ޒިލެންޑްގެ އިންތިހާބުގެ 77 އިންސައްތަ ވޯޓު ގުނައި ނިމުނުއިރު، އޭގެ ތެރެއިން 49 އިންސައްތަ ވޯޓު ކާމިޔާބު ކޮށްފައިވަނީ ޖެސިންޑަ އަރްޑަރންގެ ލޭބަރ ޕާޓީއިންނެވެ. އިދިކޮޅު ނޭޝަނަލް ޕާޓީއަށް ލިބުނީ އެންމެ 27 އިންސައްތައެވެ. މިއާއެކު، ނޭޝަނަލް ޕާޓީގެ ލީޑަރު ޖޫޑިތް ކޮލިންސް ވަނީ އިންތިހާބުން ބަލިވެއްޖެކަން ގަބޫލުކޮށް، ޖެސިންޑަ އަރްޑަރންއަށް މަރުހަބާ ދަންނަވާފައެވެ.

ބެލެވޭ ގޮތުން ލޭބަރ ޕާޓީއަށް މި އިންތިހާބުގައި މަޖިލީހުގެ 120 ގޮނޑިން 64 ގޮނޑި ކާމިޔާބު ކުރެވިދާނެއެވެ. މިކަން ކުރެވިއްޖެނަމަ، ލޭބަރ ޕާޓީވާނީ 1996 ވަނަ އަހަރަށްފަހު ނިއު ޒިލެންޑްގައި އެއް ޕާޓީއަކުން ވެރިކަން ކުރާ ފުރަތަމަ ޕާޓީއަށެވެ. ލޭބަރ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ކާމިޔާބު ނުކުރެވިއްޖެނަމަ، ގްރީން ޕާޓީއާއެކު ކޯލިޝަނެއް ހަދާނެކަމަށް ބެލެވެއެވެ. މިއާއެކު، ވާތު ފިޔައިގެ ސަރުކާރެއް 1970 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ނިއު ޒިލެންޑްގައި ވެރިކަން ކުރާނެ ފުރަތަމަ ފަހަރެވެ. އެހެންކަމުން، ކޮންމެގޮތެއް ވިޔަސް މިއީ ތާރީހީ އިންތިހާބެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ޖެސިންޑަ އަރްޑަރންވަނީ ނިއު ޒިލެންޑްގެ އިތުރުން މުޅި ދުނިޔޭގެ މަގްބޫލުކަންވެސް ހޯއްދަވާފައެވެ. ނިއު ޒިލެންޑްގެ މިސްކިތެއްގައި ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން، ގެއްލުން ލިބުނު މީހުންނާއި އާއިލާތަކާއި ބައްދަލުކޮށް، މުސްލިމުންނާއެކު މަސައްކަތް ކުރުމުން ގިނަ ބަޔެއްގެ ލޯބިވަނީ އެކަމަނާއަށް ލިބިފައެވެ. މި ހާދިސާއާއި ގުޅިގެން ބައެއް ކަހަލަ ބަޑިތައް އެ ގައުމުގައި ބޭނުން ކުރުން މަނާކުރި ކުރުންވެސް ބައިނަލްއަގްވާމީ މީޑިއާތަކުންނާއި ޖަމިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ. 

ކޮރޯނާ ވައިރަސްގެ ވަބާއިން ނިއު ޒިލެންޑް ސަލާމަތް ކުރުމުގައިވެސް ޖެސިންޑަ އަރްޑަރންވަނީ އެކަމަނާގެ ހުށިޔާރުކަމާއި ދުރުވިސްނޭކަން ދައްކުވައިދީފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.