ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެއަރލައިން ކަމަށްވާ ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.
އިނގިރޭސިވިލާތަކީ ޔޫރަޕުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާއިރު ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ފެށުން ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށެވެ. އެ އެއަރލައިންގެ ދަތުރުތައް ހުއްޓާލީ ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެންނެވެ.
ބްރިޓިޝް އެއަރވޭސްއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ލަންޑަންގެ ހީތުރޯ އެއަރޕޯޓާއި ދެމެދު ހަފްތާއަކު ތިން ދަތުރު ބާއްވާނެއެވެ. މި ދަތުރުތައް ކުރާނީ އާދީއްތަ، ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ. ބްރިޓިޝް އެއަރވޭސްއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.
ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް 2،503 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.