އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިވަޕޫލާއި ޗެލްސީއިން ކަށަވަރުކުރިއިރު ޓޮޓެންހަމް އަތުން ބަލިވެ ލެސްޓާ ސިޓީ ޔުއެފާ ޔުރޮޕާ ލީގުގައި ވާދަކުރަން ޖެހިއްޖެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ މި ސީޒަނުގެ އެންމެ ފަހު މެޗާއި ކުރިމަތިލިއިރު ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުވެފައި އޮތީ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަދި ދެވަނާގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށެވެ. ލިވަޕޫލާއި ޗެލްސީ އަދި ލެސްޓާ އިން ފަހު ދެ ޖާގައަށް ވާދަކުރިއިރު މިރޭގެ މެޗުތަކާއެކު އެ ޖާގަތައް ވަނީ ކަށަވަރުވެފައެވެ.

އެގޮތުން ލިވަޕޫލްއަށް ޖާގަ ލިބުނީ 2-0 ކްރިސްޓަލް ޕެލަސް ބަލިކޮށްގެންނެވެ. މި މެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ ސަދިއޯ މާނޭއެވެ.

އެސްޓަން ވިލާ އަތުން ބަލިވި ނަމަވެސް ޗެލްސީއަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބުނީ ލެސްޓާ ވެސް ކުޅުނު މެޗުން ބަލިވުމުންނެވެ. އެސްޓަން ވިލާ އަތުން ޗެލްސީ 2-1 އިން ބަލިވިއިރު ލެސްޓާއަށް ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލުނީ ޓޮޓެންހަމް އަތުން 4-2 އިން ބަލިވެގެންނެވެ. ލެސްޓާ ގެ ފަހަތުން ޔުރޮޕާ ލީގަށް ދެން ކޮލިފައިވީ ވެސްޓް ހަމް ޔުނައިޓެޑްއެވެ.

މި މޮޅާއެކު ޓޮޓެންހަމްއަށް ވެސް ޔުއެފާ ކޮންފަރެންސް ލީގުގެ ޖާގައެއް ވަނީ ކަށަވަރުވެފައެވެ. ޕްރިމިއަރ ލީގުގެ ގަދަ 6 ޓީމުގެ ގޮތުގައި ބަލާ ޓީމުތަކުގެ ތެރެއިން އެއްވެސް މުބާރާތަކަށް ކޮލިފައިނުވެ ހިތްދަތިކަމާއެކު ސީޒަން ނިންމާލީ އާސެނަލްއިންނެވެ. ސީޒަނުގެ ފަހު މެޗުން 2-0 އިން ބްރައިޓަން ބަލިކުރި ނަމަވެސް އާސެނަލް ލައްވާލީ ތާވަލުގެ އަށްވަނައިގައެވެ.

މިފަހަރުގެ ސީޒަނުގެ އެންމެ ފަހު މެޗުތަކާއި ކުރިމަތިލިއިރު ރެލިގޭޓްވާ ޓީމުތައް އޮތީ ކަށަވަރުވެފައެވެ. އެގޮތުން ޝެފީލްޑް ޔުނައިޓެޑާއި ވެސްޓް ބްރޮމް އަދި ފުލަމް އަންނަ ސީޒަނުގައި ކުޅޭނީ ދެވަނަ ޑިވިޝަނުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *