ކުރިއަށް އޮތްތާގައި ދިވެހިރާއްޖެއިން ސްރީލަންކާއަށް މަސްބޭރުކުރުމުގައި ހުރަހެއް ނޯންނާނެކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިއްޔެ ސްރީލަންކާގެ ފޮރިން މިނިސްޓަރ، ފިޝަރީޒް މިނިސްޓަރ އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއެކު ބޭއްވުނު ބައްދަލުވުމަކަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. 

މި ޓްވީޓްގައި އަބްދުﷲ ޝާހިދު ވިދާޅުވީ، ދިވެހިރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް އެތެރެކުރުމުގައި އެއްވެސް ހުރަހެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ސްރީލަންކާގެ ސަރުކާރުން އަރުވާފައިވާކަމަށެވެ. އަދި މިކަމަށްޓަކައި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ސްރީލަންކާއިން އެގައުމުގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެ ގައުމުން ލިބޭ ކަނޑުމަހުގެ ބާވަތްތައް އެތެރެކުރުން މަޑުޖައްސާލީ އޮގަސްޓްމަހުގެ ފަހުކޮޅުއެވެ. މިއީ އެ ގައުމުގައި އުޅޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބޭ އާމްދަނީ އިތުރުކޮށް، ވިޔަފާރީގެ ވާދަވެރިކަން ނައްތާލުމުގެ ގޮތުން އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމެކެވެ.  

ސްރީލަންކާއަށް ދިވެހިރާއްޖޭގައި އުފައްދާ ކަނޑުމަހުގެ ބާވަތްތައް އެތެރެކުރެވެން ފެށުމުން އަނެއްކާވެސް ހިކި މަސް ފަދަ ކަނޑު މަހުގެ ބާވަތްތައް އުފައްދާ ފަރާތްތަކަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ. މިއީ، ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ގިނަ ބޭފުޅުން އަންނަނީ ބުނަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.