އަތްފޯރާ ފަށުގައި ކާބޯތަކެތި ހުރުމަކީ ކޮވިޑް 19 އިން އަރައިގަތުމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް މިނިސްޓަރ އޮފް ފިޝަރީސް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ. ޒަހާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރަމުން އަންނަ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައެވެ. 

މި ވީޑިއޯ މެސެޖް ފެއްޓެވުމުގެ ކުރިން ޒަހާ ވަނީ ރާއްޖޭގެ މަސްވެރިންނާއި ދަނޑުވެރިންނާއި އަދި ފަޅުގޮވާން ކުރާ ފަރާތްތަކާއި ކާބޯތަކެތި އުފައްދާ ފަރާތްތަކަށް މި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. 

ކާބޯތަކެއްޗަކީ ދިރިއުޅުމުގެ މުހިންމު ބަޔެއް ކަމަށާއި އެއީ ޘަޤާފީ އަދި އިޖުތިމާޢީ ކަމެއް ކަމަށް ވެސް ޒަހާ ވިދާޅުވިއެވެ. ރައްކާތެރި އަދި ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތި އަތްފޯރާ ފަށުގައި ހުރުމަކީ ކޮވިޑް 19 ފަދަ ބަލިމަޑުކަމަކުން އަރިގަތުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށް ޒަހާ ވިދާޅުވިއެވެ. އެގޮތުން ފުދުންތެރިކަން ކުޑަ ފަރާތްތައް ދިރިއުޅޭ މުޖުތަމަޢުތަކަށް މިފަދަ ބަލިމަޑުކަމުން ކުރާ އަސަރު މިކަމުގެ ސަބަބުން ކުޑަކޮށްދޭނެ ކަމަށް ވެސް ޒަހާ ވިދާޅުވިއެވެ. 

ކޮވިޑް 19 ގެ މި ދަތި ދަނޑިވަޅުގައި ވެސް ރާއްޖޭގެ ރައްޔިތުން ދަނޑުވެރިކަން ކުރުމުގައު ސާބިތުވެތިއްބެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ޒަހާ ވިދާޅުވިއެވެ. މިފަދަ ދުވަހެއްގައި މަސްވެރިންނާއި ދަނޑުވެރިންނާއި ފަޅުގޮވާން ކުރާ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމަށް އެކި ގޮތްގޮތުން މަސަައްކަތްކުރާ މީހުންގެ މަސައްކަތްތައް ފާހަގަކުރަން ޖެހޭ ކަމަށް ވެސް ޒަހާ ވިދާޅުވިއެވެ. 

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.