ލ.ގަމުގެ ކަރަންޓް އެއް ނެޓްވޯރކްއަކުން ގުޅާލުމުގެ މަސައްކަތް ފެށުމާއި ގުޅިގެން، އެ ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން ދައްކުވައިދީފިއެވެ. 

އެގޮތުން، ލ.ގަމުގެ ފެނަކަ ބްރާންޗުގެ މުވައްޒިފުން ކުރަމުންގެންދާ ބުރަ މަސައްކަތުގަ އަގު ވަޒަން ކުރުމުގެ ގޮތުން، މަތިމަރަދޫ އަވަށުގެ އަންހެން ކަނބަލުންގެ ފަރިވަޅެއްވެސް ވަނީ މިއަދު އަރުވާފައެވެ. ފެނަކަ ގަމު ބްރާންޗްއިން ހާމަކޮށްފައިވާ ގޮތުގައި މިއީ އެ ބްރާންޗުގެ މުވައްޒިފުން ވަކި އިރެއް އަދި ވަކި ކަމެއް ނުބަލައި ކުރަމުންގެންދާ ބުރަ މަަސައްކަތުގަ އަގު ވަޒަން ކުރުމުގެ ގޮތުން އަރުވާފައިވާ ފަރިވަޅެކެވެ. 

މީގެއިތުރުންވެސް، ގަމު ފެނަކަ ބްރާންޗިން މިހާރުކުރަމުންގެންދާ މަސައްކަތަކީ ތާރީހުގައި ލިޔެވިގެންދާނެފަދަ މަސައްކަތަކަށްވާއިރު، މި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރާ ކޮންމެ ކަމަކީވެސް މުވައްޒިފުންނަށް ލިބޭނެ ނުހަނު ބޮޑު ހިއްވަރެއްކަމަށްވެސް އެ ބްރާންޗްއިން ހާމަކޮށްފައިވެއެވެ. 

ގަމުގައި ޒަމާނުއްސުރެ ދިމާވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، އެ ރަށުގައި ހުރި އިންޖީނުގެތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މި ސަރުކާރުންނެވެ. މި މަޝްރޫއުގެ ދަށުން ހައި ވޯލްޓޭޖް (އެޗްވީ) ކޭބަލް އަޅަން ފަށައިފައިވާއިރު، މި ކޭބަލް އަޅާ ނިމޭއިރު މުކުރިމަގުން ތުނޑިއަށް އެއް ނެޓްވޯކަކުން ގުޅާލެވޭނެއެވެ. 

ފެނަކަ ގަމު ބްރާންޗް މެނޭޖަރ ފާރޫގް ހުސެއިން ޖަޒީރާނޫހަށް މައުލޫމާތުދެމުން ވިދާޅުވީ، 11،000 މީޓަރުގެ އެޗްވީ ކޭބަލް އެޅުމަށް ހަމަޖެހިފައިވާކަމަށާއި މިހާރު އެ މަސައްކަތުގެވެސް 50% ނިމިފައިވާ ކަމަށެވެ. މުޅި މަޝްރޫއުގެ %90 ނިމިފައިވާއިރު، އަމާޒަކީ ނޮވެމްބަރު 11ގެ ކުރިން ހިދުމަތްދެވެން ފެށޭވަރުވުން ކަމަށްވެސް ފާރޫގު ވިދާޅުވިއެވެ. 

މި މަޝްރޫއު އެއްކޮށް ނިމޭއިރު، ގަމުގައި މިހާރު ހުރި 3 އިންޖީނުގެ ބަދަލުގައި އެއް އިންޖީނުގެއެއް އަޅައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވި ވައުދު ފުއްދައިދެވޭނެއެވެ. މިހާރު ގަމުގައި ހުރި އިންޖީނުގެ ތަކަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެ ތަކެއް ކަމުން، ރައްޔިތުންނަށް ވަމުންދާ އުނދަގޫތަކުންވެސް މި ތާރީހީ ބަދަލާއެކު ސަލާމަތްވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.