މި ހާލަތުގައި ރާއްޖޭގެ ޓޫރިޒަމަށް ހުރިހާ ފަރާތެއްގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. 

ގިނަ މަސްތަކަކަށްފަހު މިއަދު ވަނީ ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވާލާފައެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ގައިޑްލައިންތަކާ އެއްގޮތަށް ޓޫރިޒަމް ކުރިއަށް ގެންދިޔުމަށް ރައްޔިތުންނާއި ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނާއި ފަތުރުވެރިން އަދި މުވައްޒަފުންގެ ރައްކާތެރިކަން ކަމަށެވެ. ޓޫރިޒަމް ހިންގަން ބޭނުންވަނީ އެ ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ކަމަށެވެ. 

އެކަމަށްޓަކައި އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ބޯނލެބުމަށް މިނިސްޓަރު ގޮވާލެއްވިއެވެ. އެޗްޕީއޭއިން ވެސް ވަނީ ގައިޑްލައިންއަށް އަމަލު ކުރާނަމަ ގެސްޓްހައުސްތައް ހުޅުވާލިޔަސް ރަށްރަށުގައި ކޮވިޑް ފެތުރޭނެ ކަމުގެ ބިރެއް ކަމަށް ބުނެފައެވެ. 

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ ގައިޑްލައިންއާ އެއްގޮތަށް އަމަލު ކުރަމުންދާ ރިސޯޓްތަކުގައި ވެސް ޓޫރިސްޓުންގެ މެދުގައި ބަލި ފެތެރުމުން ނުދާ ކަމަށެވެ. އަދި ރިސޯޓްތައް ކާމިޔާބުކަމާއެކު ހިންގެމުންދާ ކަމަށެވެ.

ހަމަ އެގޮތަށް ހޯމް ކަރަންޓީނަށް މީހުން ރަށްރަށަށް ފޮނުވުމުގައި ވެސް ގައިޑްލައިންގައިވާ ގޮތަށް އަމަލުކޮށްފައިވާތީ އެކަން ވެސް ދަނީ ވަރަށް އަމާންކޮށްކަން ފާހަގަކުރެއްވިއެވެ. އެ އުސޫލުން ގެސްޓްހައުސްތައް ވެސް ގައިޑްލައިންއަށް އަމަލު ކުރާނަމަ ބިރެއް ނޯންނާނެކަން ފާހަގަ ކުރެއްވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *