ތިން އަތޮޅަކުން މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީ އާއި ތ.އަތޮޅާއި ބ. އަތޮޅުގައި ހިންގި އޮޕަރޭޝަންތަކެއްގައެވެ. 

އެގޮތުން މާލެ އާއި ފުވައްމުލަކު ސިޓީ އާ ދެމެދު ދަތުރުކުރާ ބޯޓަކުން އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް މި ހިނގާ އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 36 އަހަރާއި 35 އަހަރާ ދެމެދުގެ ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. އެ ބޯޓުން ބޭލި ފޮށިގަނޑެއް ހިފައިގެން އެ ދެމީހުން ދަނިކޮށް މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 211 ސެލޯފިންކޮޅު ފެނިފައިވެއެވެ.

ތ. ހިރިލަންދޫއިން މަސްތުވާތަކެއްޗާއެކު 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުން އެރަށު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ކަރުދާސްކޮޅާއި، ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެއިތުރުން ވެސް ހިރިލަންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެހެން އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 43 އަހަރުގެ ދިވެހި ފިރިހެނެއް އެރަށުން ހައްޔަރުކޮށްފައިވެއެވެ. އެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރިކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑާއަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މީގެއިތުރުން ބ. ދަރަވަންދޫގައިވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި މި މަހުގެ 13 ވަނަ ދުވަހު ދަރަވަންދޫ ޕޮލިސް ޑެސްކާއި، ބ.ކެންދޫ ޕޮލިސް ޑެސްކާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ދަރަވަންދޫ ޕެޓްރޯލް ޝެޑް ކައިރި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.