ގެސްޓް ހައުސްތައް ހުޅުވާލާ ރަށްރަށުގައި މާސްކް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ. މާދާމާ ރާއްޖޭގެ ހަ ރަށެއްގައި ގާއިމްކުރެވިފައިވާ ގެސްޓް ހައުސްތައް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. 

އެޗްޕީއޭއިން އަންގާފައިވާ ގޮތުގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު މި ނިންމުންތައް ނިންމާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިލައްވާ ބާރުގެ ދަށުންނެވެ. އަދި މިއީ ވަކި ގޮތެއް އަންގަން ދެން އަޅަން ނިންމާފައިވާ ފިޔަވަޅުތަކެކެވެ. 

އެގޮތުން ލޯކަލް ޓޫރިޒަމްގެ ހިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގަޔާއި އާއްމު ތަންތަނުގައި އުޅޭއިރު އަނގަ އާއި ނޭފަތާއި ދަތްދޮޅި ނިވާވާނެހެން މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އެހެން ނަމަވެސް ދެ އަހަރުން ދަށުގެ ކުދިންނާއި، ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން މީހުން ހިދުމަތް ހޯދާ ވަގުތު މާސްކް އަޅަން ނުޖެހޭނެއެވެ. 

އެޗްޕީއޭއިން ވަނީ މީގެކުރިން ގެސްޓް ހައުސް އޮޕަރޭޓް ކުރާނެ ގޮތުގެ ހާއްސަ ގައިޑްލައިނެއް އެކުލަވާލާފައެވެ. ގެސްޓް ހައުސް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީއިން ދެނީ މި ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރާ ތަންތަނަށެވެ. ގެސްޓް ހައުސްތައް ހުންނަ ރަށްރަށުގެ މީހުން އެހެން ރަށަކަށް ދާނަމަ ކަރަންޓީނުވާން ޖެހޭނެ އެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި ކަރަންޓީނުވާން ނުޖެހޭނެއެވެ. އެއީ ފަރުވާއެއް ނުވަތަ އެހެން ވެސް އަސާސީ ހިދުމަތެއް ހޯދުމަށްދާނަމައެވެ. ގެސްޓް ހައުސް ހިންގާ ރަށަކުން ގެސްޓްހައުސް ހިންގާ އެހެން ރަށަކަށް ދާން ކަރަންޓީނުވާން ނުޖެހޭނެއެވެ.

ގައިޑްލައިންގައިވާ ގޮތުން ގެސްޓް ހައުސް ހިންގާ ރަށަކުން ގެސްޓް ހައުސް ނުހިންގާ ރަށަކަށް އެއްވެސް ފަތުރުވެރިއަކަށް ނުދެވޭނެއެވެ. ގެސްޓް ހައުސް ހިންގާ އެހެން ރަށަކަށް ނުވަތަ ރިސޯޓަކަށް ފަތުރުވެރިންނަށް ދެވިދާނެއެވެ. ސަފާރީތަކަށް ދިޔުން މަނަލެވެ.

އޭގެއިތުރުން ގެސްޓުން، މީހުން ދިރިއުޅޭ ގޭގެއަށް ވުނުން މަނާވާނެއެވެ. ގެސްޓް ހައުސްއެއް ހިންގާ ރަށެއްގައިނަމަ މާސްކު އެޅުން ވެސް މަޖުބޫރުވާނެއެވެ. ގެސްޓުން ވީހާވެސް ބޮޑަށް އާންމުންނާ އެކު ނުވުމަށް ގައިޑްލައިންގައި އަންގާފައިވެއެވެ. އަދި ގެސްޓްހައުސްތައް ސާފުކުރުމާއި ލޯންޑަރީ ފަދަ ކަންކަމަށް ވެސް އަމަލު ކުރާނެ ގޮތް ވަނީ ބަޔާންކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *