ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ. 

އަލީ ވަހީދު މަގާމުން ވަކިކުރީ ޓޫރިޒަމް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް އޭނާއާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އުފުލުމުންނެވެ. 

އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައި، އަލީ ވަހީދު ހާޒިރުކޮށް ބަޔާން ވެސް ނެގިއެވެ. އަލީ ވަހީދުގެ މޮބައިލް ފޯނާއި ލެޕްޓޮޕް ވެސް ނަގައި، އޭނާގެ ޕާސްޕޯޓް ވެސް ހިފެހެއްޓިއެވެ. 

މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް ފުލުހުން ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. 

މި ތުހުމަތުތައް އަލީ ވަހީދު ދޮގު ކުރައްވައެވެ. އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އަލީ ވަހީދު ވިދާޅުވާއިރު އެކަމާ ކުރިމަތިލައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 

އަލީ ވަހީދަށް ފުރަތަމަ ރައީސް އެންގެވީ އިސްތިއުފާ ދެއްވުމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވުމަށް ދެކޮޅު ހެއްދެވެމުން މަގާމުން ދުރު ކުރެއްވީއެވެ. 

އޭސީސީއިން ވެސް ގެންދަނީ އަލީ ވަހީދުގެ މައްސަލަތަކެއް ބަލަމުންނެވެ. އެއީ ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން އަމަލުކޮށްފައިވާ ގޮތުގައި ގޯސްތަކެއް ހުރި ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވާތީއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.