ރާއްޖެއަށް އާ ގާނޫނު އަސާސީއެއް ފައްކާކުރީ ހުރިހާ ބާރެއް މަސްހުނިވެ، ވެރިކަމުގެ ނުފޫޒު ގަދަ ނިޒާމް ރައްޔިތުންނަށް ކަމު ނުގޮސްގެނެވެ. ސަރުކާރުގެ ތެރޭގައި ހިނގާ ގޯހެއް ވިއްޔާ، ފަރުދާގެ ފުރަގަހުން ގެއްލިގެންދާ މަންޒަރު ދިވެހިންނަށް ކަމުނުދާތީއެވެ. އެތައް ގިނަ މަޝްވަރާ އާއި ބަހުސަށްފަހު ގެނައި ފެހި ގާނޫނު އަސާސީއިން މިކަން ލިޔުމުން ނިމުމަށް ގެނައެވެ. 

ގާނޫނު އަސާސީގައިވާ ގޮތުން ދައުލަތުގެ ތިން ބާރު އޮންނާނީ ވަކިވެފައެވެ. އޭގެ މެދަށް މިނިވަން މުއައްސަސާތައް އާދެއެވެ. މިއީ މި ނިޒާމްގެ އެންމެ މުހިންމު ގުނަވަންތަކެވެ. މި މިނިވަން މުއައްސަސާތަކަކީ ދައުލަތުގެ ބާރުތަކުން އަމަލު ކުރާ ގޮތް ބަލައި ފާރެވެރިވާން ތިބޭ މުސްތަގިއްލު ބައެކެވެ. މުޅިން މިނިވަން ބައެކެވެ. ރައިސުލްޖުމްހޫރިއްޔާއަށް ތުހުމަތެއް އަޔަސް، އެ ބެލުމުގެ ކުޅަދާނަކަން ހުންނަން ޖެހޭ ބައެކެވެ. މި މުއައްސަސާތަކުގެ ތެރޭގައި އޮޑިޓް އޮފީސް، އެންޓި ކޮރަޕްޝަން ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީސް، ޖުޑީޝަލް ސާވިސް ކޮމިޝަން ފަދަ ތަންތަން ހިމެނެއެވެ. 

މި ފަރުމާއަށް ގާނޫނު އަސާސީގައި އޮތް ނަމަވެސް ލިޔުމުގައި އެ އޮތްއޮތުން އަމަލީ ސިފައެއްގައި މިވީހާ ތަނަށް ވެސް ދިވެހިންނަށް ފެންނަ ވަރެއް ނުވެއެވެ. ކޮމިޝަންތައް ވެރިކަމުގެ ބާރުގެ އަތްދަށުވެ ގުޑާނުލެވި ތިބި މަންޒަރު ފެނުނެވެ. ރިޝްވަރާއި ފްލެޓާ ނަގައިގެން މައްސަލަތައް ގެއްލުވާލި ހާލަތްތައް ވެސް ފެންމަތިވިއެވެ. ވެރިކަމުން ބޭނުންވާ މައްސަލަތައް ހިނދާލައި، އިދިކޮޅު ނުވަތަ ވާދަވެރި ފަރާތްތައް ފަހަތުން ދުއްވާ ހަތިޔާރެއްގެ ގޮތުގައި ކޮމިޝަންތައް ބޭނުންކުރިއެވެ. މިހާރު މިއޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ މިކަން ބަދަލު ކުރުމެވެ. 

ރައީސް ސޯލިހު އަބަދުވެސް ވިދާޅުވާ ގޮތުގައި ކޮރަޕްޝަނަށް އެމަނިކުފާނުގެ ސަރުކާރުގައި އޮންނާނީ ޒީރޯ ޓޮލަރެންސްއެވެ. އެއީ ސަރުކާރުގެ ވެރިއަކަށް ވިޔަސް ތަފާތެއް ނެތެވެ. އެގޮތުގެ މަތިން ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ފަސޭހަ އިންތިޒާމް ވެސް ހަމަޖެއްސެވިއެވެ. އެމަނިކުފާނު ވަނީ ކޮރަޕްޝަންގެ ތުހުމަތުވި ބައެއް ވެރިންނަށް ފިޔަވަޅު ވެސް އަޅުއްވާފައެވެ. 

ސަރުކާރަށް ވެސް އަދި ރައްޔިތުންނަށް ވެސް ބޮޑު ހައިރާން ކަމެއް ލިބުނު އޮޑިޓް ރިޕޯޓެއް އާންމުކުރިއެވެ. އެއީ ކޮވިޑާ ގުޅިގެން ވެންޓިލޭޓަރު ހޯދި ގޮތުގެ އޮޑިޓެވެ. އޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ނިންމައި، އޮޑިޓް ރިޕޯޓުން ވަރަށް ތަފްސީލް ރިޕޯޓެއް ނެރުނެވެ. މީގެކުރިން އެފަދަ ރިޕޯޓެއް އޮޑިޓް ނެރުމުން އޮޑިޓާ ޖެނަރަލް، އެހެލައި މަގާމުން ދުރުކުރި މަންޒަރު ފެނުނެވެ. ނަމަވެސް ސަރުކާރުން އޮޑިޓް ރިޕޯޓް ބަލައިގަނެ، އެއާ ގުޅިގެން ފިޔަވަޅު އެޅުއްވިއެވެ. ތުހުމަތުވަނީ ސަރުކާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީއަށެވެ. ސިޔާސީ ގޮތުން ވެސް ބާރުގަދަ ބޭފުޅުން އޭގެ ތެރޭގައި ހިމެނުނު ނަމަވެސް ރައީސް ސޯލިހު އެ އެންމެ ބޭފުޅުންނަށް ގޭގައި މަޑުކުރައްވަން އަންގަވައި ފިޔަވަޅު އެޅުއްވިއެވެ. އޮޑިޓް ނެރުނުއިރު ވެސް އޭސީސީއިން ވެސް މައްސަލަ ދިޔައީ ތަހުގީގު ކުރަމުންނެވެ. އޮޑިޓާއެކު އެ ތަހުގީގު އަވަސްކުރިއެވެ. އަދި މިއަދު ވަނީ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައެވެ. އޭސީސީއިން ދައުވާކޮށް ދިނުމަށް ޕީޖީއަށް ފޮނުއްވި 11 ބޭފުޅުންގެ ތެރޭގައި ހެލްތު މިނިސްޓަރު އަމީން ވެސް ހިމެނެއެވެ. 

މިއީ ރާއްޖޭގެ ތާރީހުގައި އަލަށް ހިނގައިގެން ދިޔަ ކަމެކެވެ. ސަރުކާރުގެ މިނިސްޓަރަކަށް ހުންނެވި ބޭފުޅަކަށް ކޮރަޕްޝަންގެ ދައުވާ އުފުލާ ހިސާބަށް ދިޔައީ އަލަށެވެ. އެ ނޫން ހާލަތުގައި މިނިސްޓަރެއް ނުވަތަ އެފަދަ ބޭފުޅަކަށް ވެސް ދައުވާ ކުރެވޭ ހިސާބަށް ދަނީ ސަރުކާރު ބަދަލުވުމުން ނޫންނަމަ އެ މިނިސްޓަރަކު ސަރުކާރުން ބޭރުކުރުމަށްފަހުއެވެ. މިކަމުން ސާފުވާ ކަންކަން އެބަހުއްޓެވެ. 

ސަރުކާރު ނުވަތަ ރައީސްގެ ނުފޫޒު، މިއިން އެއްވެސް މިނިވަން
މުއައްސަސާއަކަށް އޮތްނަމަ، މައްސަލަ މިހާ ހިސާބަށް ނުދާނެއެވެ. އެނގިގެންދާ
ކަމަކީ ސަރުކާރުން މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުން ނުދާ ކަމެވެ. ތުހުމަތުވާނަމަ
އެއީ ކޮންމެ ފަރާތެއް ނަމަވެސް އެކަން ތަހުގީގު ކުރެވިގެން ދިޔުމެވެ. ސަރުކާރާ
ދެކޮޅަށް މައްސަލައެއް އައިސްގެން އޮޑިޓާ ޖެނަރަލް ވެސް އަދި ކޮމިޝަންތަކުގެ
މެންބަރުން ވެސް ވަކިނުކުރާ ކަމެވެ. މިއީ ހެޔޮ ބަދަލެކެވެ. ފެހި ގާނޫނު އަސާސީއިން
ފަރުމާކޮށްފައިވާ ހަގީގީ ނިޒާމްގެ އެންމެ ވަރުގަދަ ސިފައެވެ. އެ ސިފަ، ދައުލަތުގައި
ހަގީގީ މާނާގައި ޖެހިގެންދާކަން މިއަދު ދަލީލުވެގެން ގޮސްފިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.