ރާއްޖެއަށް ކަނޑުމަގުން 130 ކިލޯގެ މަސްތުވާތަކެތި އެތެރުކުރަން އުޅުމުގެ މައްސަލައިގައި ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެންނެވެ.

މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުން ކަމަށާއި ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 130 ކިލޯހުރި މަސްތުވާތަކެތި ހޯދާފައިވެއެވެ. ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.

މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ފަރާތްތަކަކީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ދެމީހުންގެ ތެރެއިން ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެކެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމްއާއި އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

ޝަހީބް އަކީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރެކެވެ. އަދި 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް އަދި ޕީއެންސީގެ ތާއީދާއެކު އޭނާ ވިލިނގިލީ ދާއިރާއަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލިއެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއިން އެތެރެކުރި ދޯނިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ޝަހީބް އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އަޙްމަދު މުސާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް އެކޯޓުންވަނީ ދީފައެވެ. މިމައްސަލާގައި ދެން ހިމެނޭ ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.