ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ ދެ އިސްލާހުގެ ފުރުތަމަ ކިޔުން މިއަދު އިއްވައިފިއެވެ.

ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ ފުރަތަމަ އިސްލާހަކީ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ހުށަހަޅުއްވާފައިވާ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ އިސްލާހެވެ. ދެވަނަ އިސްލާހަކީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅާފައިވާ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ އިސްލާހެވެ.

ޓޮމް ވިދާޅުވެފައިވާ ގޮތުން، ޖޭއެސްސީ މިހާރު ހިނގަމުންދާ ގޮތުން ސިޔާސީ ނުފޫޒު ވަރަށް ބޮޑުކަމަށާއި އަދުލު އިންސާފު ގާއިމްކުރުމަށް ލިބެންޖެހޭ މިނިވަންކަން ހޯދައިދިނުމުގެ ގޮތުން، ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރަންޖެހޭކަމަށެވެ. އެގޮތުން، ޓޮމް ވިދާޅުވެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެމްބަރާއި، ބަންޑާރަ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި، ސިވިލްސާވިސް ކޮމިޝަންގެ ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިނުމުގެ ބޭނުމެއް ނެތެވެ.

ޓޮމް ހުށަހަޅާފައިވަނީ ޖޭއެސްސީއަށް، މުސްކުޅި ކުރެވިފައިވާ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރެވޭ ފަނޑިޔާރަކާއި، ރާއްޖޭގައި ވަކީލުކަން ކުރާ ވަކީލުންގެ ތެރެއިން އަންހެނުން ވަކީލަކާއި ފިރިހެން ވަކީލަކު، އަދި ރާއްޖޭގެ ޔުނިވަސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ ދާރިސަކާއި، ޤާނޫނީ ފަންނު ފިޔަވައި އެހެން ފަންނު ތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މީހަކު ހިމެނޭގޮތަށް ޖޭއެސްސީ އެކުލަވާލުމަށެވެ.

އަބްދުﷲ ޖާބިރު ހުށަހަޅާފައިވަނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށެވެ. ޖާބިރު ވިދާޅުވެފައިވާ ގޮތުގައި، 2007 ވަނަ އަހަރު ނެގުނު ފެންނަ/ނުފެންނަ ވޯޓަށްފަހު، އެކުލަވާލެވުނު ޤާނޫނު އަސާސީގައި ވެރިކަމުގެ ނިޒާމަކީ ކަނޑައެޅިގެން ރިޔާސީ ނިޒާމުކަމުގައި ލިޔެވިފައި ނެތުމާއި، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުގައި ބަރުލަމާނީ ނިޒާމެއްގެ ގިނަ ސިފަތައް ހުރުމުން، ގާނޫނު އަސާސީ އިސްލާހުކުރަންޖެހެއެވެ. ޖާބިރު ވިދާޅުވެފައިވާ ގޮތުގައި މި ބަދަލުގެ ސަބަބުން އެއްވެސް ރައްޔިތެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެއެވެ.

މި އިސްލާހާ ގުޅިގެން އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމަށް އިސްލާހެއް ގެނައުމަކީ އެމަނިކުފާނު ދައްކަވާ ވާހަކައެއް ކަމަށެވެ. މިއީ އެމަގަށް ދިޔުމަށް ބަހުސް ފަށަންވީ ވަގުތު ނޫން ކަމަށާއި އަދި ޖާބިރު ހުށަހަޅުއްވާފައިވަނީ އެފަދަ އިސްލާހެއް ވެސް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުން އެ ބިލް ވެސް އެޖެންޑާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.