ކޮވިޑް-19އާއި ގުޅިގެން ރާއްޖެގެ ސިއްހީ ދާއިރާގެ ކެޕޭސިޓީ ބޮޑުކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ހެލްތުން ވެންޓިލޭޓަރު ގަތުމުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވުމާއެކު، މައްސަލަ ތަހްގީގްކުރުމަށްފަހު 11 ފަރާތަކަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ. މިގޮތުން، މިނިސްޓްރީ އޮފް ހެލްތުގެ އިސް ބައެއް ބޭފުޅުންނާއި، ސިޔާސީ މަގާމުތަކުގައި އައްޔަން ކުރެވިފައިވާ ބޭފުޅުންނަށްވެސް ދައުވާ ކުރުމަށް ވަނީ ފޮނުވާފައެވެ.

މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން

އޭސީސީއިން ހާމަކޮށްފައިވާ ގޮތުގައި، 75 ވެންޓިލޭޓަރުގެ އެޑްވާންސް ޕޭމެންޓް ދިނުމަށް އަވަސްކުރުމަށް އަމީން ލަފާދެއްވައި، ވަކި މީހަކަށް މަންފާވާ ގޮތަށް އަމަލުކުރަން މަސައްކަތް ކޮށްފައިވާތީ އަމީން ގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 511ވަނަ މާއްދާގެ (ހ)ގެ (2) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުންނެވެ.

ބިޑް ކޮމިޓީގެ 4 ބޭފުޅުން

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިޑް ކޮމިޓީއިން ކުރަންޖެހޭ ދިރާސާތަކާއި ބަލަންޖެހޭ ކަންތައްތަކަށް ބަލާފައިނުވާތީ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ދައުވާ ކުރުމަށް އެދިފައިވަނީ 4 ބޭފުޅުންގެ މައްޗަށެވެ. އެއީ، މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިޔުޓީ މިނިސްޓަރ، ނިޝާމާ މުޙައްމަދު އާއި، މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ، ނައުޝާދު ޢަލީ އާއި، މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު، އާމިނަތު ޝައުފާ އާއި، މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރ (ބިޑް ކޮމިޓީގެ މެމްބަރު)، ފާޠިމަތު ލިމްޔާއެވެ.

ޑެޕިއުޓީ މިނިސްޓަރ ޝިޔާމާ މުޙައްމަދު

އޭސީސީއިން ޝިޔާމާގެ މައްޗަށް ދައުވާކުރަން ނިންމީ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ މި މަސައްކަތް ޙަވާލުކުރިއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތަށް، އެ ކުންފުނީ ޑިއުޑިލިޖެންސް ހަދާފައިނުވާކަމާއި، އެ ކުންފުނީގެ މާލީ ޤާބިލްކަން އަދި ޓެކްނިކަލް ކެޕޭސިޓީއަށް ބަލާފައިނުވާކަން ތަހުގީގަށް ހާމަވެފައިވާތީއެވެ. އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުންނެވެ. 

ފައިނޭންސް އެގްޒެކްޓިވް އަޙްމަދު އަސްލަމް

އޭސީސީއިން މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް)، އަޙްމަދު އަސްލަމްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ޤާނޫނުލް ޢުޤޫބާތުގެ 511ވަނަ މާއްދާގެ (ހ)ގެ (2) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 313 ވަނަ މާއްދާގެ (ހ)ގެ (1) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 311ވަނަ މާއްދާގެ (ހ)ގެ (1) ގެދަށުންނެވެ. އަސްލަމްގެ މައްޗަށް ދައުވާކުރަނީ، މިނިސްޓްރީގެ މުވައްޒިފުންނަށް ޕޭމެންޓް ރިކުއެސްޓް ކުރުމުގެ ޕްރޮސެސްގައި އިރުޝާދު ދީފައިވާތީ ވަކި މީހަކަށް މަންފާވާގޮތަށް އަމަލުކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަމަކަށްވާތީއެވެ.

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަރީފް

އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް ދައްކަންޖެހޭ ޕޭމަންޓްގެ %15 ފައިސާ ދެއްކިއިރު، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް %75 އަށްވާ އެޑްވާންސް ޕޭމެންޓް ގެރެންޓީ ހޯދާފައިނުވާތީއާއި އެޑްވާންސްކޮށް ކޮންޓްރެކްޓްގެ އަގުގެ %90 ދައްކާފައިވަނީ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެޑްވާންސް ޕޭމެންޓް ގެރެންޓީއާއި، ޕަރފޯމެންސް ގެރެންޓީ ހޯދައިގެންނޫންކަން ފާހަގަކުރެވޭތީ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަރީފްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ދަޢުވާ ކުރުމަށް ޕީޖީހެ އޮފީހުގައި ވަނީ އެދިފައެވެ.

އެސިސްޓެންޓް ޑައިރެކްޓަރ ޢަބްދުﷲ ޙަފީޘް

މިނިސްޓްރީ އޮފް ހެލްތުން ވެންޓިލޭޓަރުތަކަށް އެޑްވާންސްކޮށް ފައިސާ ދައްކާފައިވަނީ SAP ސިސްޓަމްގެ ތެރެއިން ޕީއޯ ތައްޔާރުކޮށްގެންކަމަށްވާއިރު، މި ޕީއޯ އޮތަރައިޒްކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރ ޢަބްދުﷲ ޙަފީޘްކަމަށްވާތީ، އޭނާގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ދަޢުވާ ކުރުމަށްވަނީ އެދިފައެވެ.

ލީގަލް އޮފިސަރ ޢަލީ ޝިހާމް

ޑްރާފްޓް އެއްބަސްވުމަށް އެޓާރނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދާފައިވީނަމަވެސް، އެޓާރނީ ޖެނެރަލްގެ އޮފީހުގެ ލަފަޔާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާތީ، ޕަރފޯމެންސް ގެރެންޓީއާއި، އެޑްވާންސް ޕޭމަންޓް ގެރެންޓީ ނުހިމަނައި އޮތް އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ހެލްތުން ސޮއިކޮށްފައިވަނީ ޢަލީ ޝިހާމް އެޕްރޫވްކުރިކުރުމުގެ މައްޗަށް ކަމަށްވާތީ މި މައްސަލާގައި ތުހުމަތުކުރެވިފައިވާ މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ، ޢަލީ ޝިހާމް ގެ މައްޗަށް ދައުވާކުރުމަށް އެދިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުންނެވެ.

އެސިސްޓެންޓް އެޑްމިން އޮފިސަރ ޙުސައިން ނިޔާޒް

SAP ސިސްޓަމްގައި އެ ވެންޓިލޭޓަރތައް ލިބުނުކަމަށް (ގްޑްސް ރިސީވްކުރި ކަމަށް) ބަޔާންކުރި އިރު، އެތަކެތި މިނިސްޓްރީ އޮފް ހެލްތަށް ނުލިބޭކަން ތަޙްޤީޤަށް އެނގިފައިވާތީ، މި މައްސަލާގައި ތުހުމަތުކުރެވިފައިވާ ޙުސައިން ނިޔާޒްގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ދަޢުވާ ކުރުމަށް އެދިފައިވާނެކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

މިއާއެކު، މިއީ ދައުލަތުގެ އިސް މަގާމްތަކުގައި ތިއްބެވި މިހާގިނަ ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީގެ އޮފީހަށް އޭސީސީއިން ފޮނުވާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ. އޭސީސީއިން މައްސަލަ ތަހުގީގު ކޮށްފައިވަނީ ރައީސް ސޯލިހުގެ އެންގެވުމަކަށެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ގެންގުޅުއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.