ކޮވިޑް-19 އާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީ އިން ކުރި ހަރަދުތަކާ ގުޅޭ ގޮތުން ހެދި އޮޑިޓް ރިޕޯޓުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ބަޔާންކޮށްފައިވުމުން، އެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ތަހުގީގުކުރުމަށްފަހު ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އަށް ފޮނުވައިފިއެވެ.

އެސީސީއިން މައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާ ކޮށްދިނުމަށް އެދިފައިވަނީ 6 ބޭފުޅުންނަށެވެ. އެއީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން، ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު ނިޝާމާ މުޙައްމަދު، މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ ނައުޝާދު ޢަލީ، މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެންބަރު އާމިނަތު ޝައުފާ، މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީ މެންބަރު އާމިނަތު ޝައުފާ، އަދި މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީ މެންބަރު ފާޠިމަތު ލިމްޔާއެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ޝަފީއު ޖަޒީރާނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މައްސަލަ ކުރިންވެސް ޕީޖީއަށް ހުށަހެޅިކަމަށާއި އެހެންނަމަވެސް އޭރު ރަނގަޅުކުރަން ފެންނަ ކަންތައްތައް ޕީޖީ އޮފީހުން ފާހަގަކުރުމުން، މި ފަހަރު ހުށަހަޅާފައިވަނީ އެ ކަންތައްތައް ރަނގަޅުކުރުމަށްފަހު ކަމަށެވެ.

ދެން ކުރިއަށްދާނީ މައްސަލަ ހުށަހަޅާ ފަރާތާއެކު މައްސަލަ ދިރާސާކޮށް މަޝްވަރާކުރުމެވެ. މިގޮތަށް ދިރާސާކުރުމަށްފަހު، ދައުވާކުރަން ނިންމާނީ ޕީޖީ އޮފީހުން މައްސަލަ ތަހުގީގު ކުރުމަށްފަހުއެވެ. އަހުމަދު ޝަފީއު މައުލޫމާތު ދެއްވި ގޮތުގައި، އަންނަ ހަފްތާގެ ތެރޭގައި މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމޭނެއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީ ބޭފުޅުން ތިބީ ސަސްޕެންޝަނުގައެވެ. ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މި ފިޔަވަޅު އެޅުއްވީ ވެންޓިލޭޓަރު މައްސަލާގައި ބޮޑެތި ގޯސްތަކެއް ހުރިކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކުރުމުންނެވެ. މައްސަލަ ފުލުހުންނާއި އޭސީސީއިން ތަހުގީގުކުރަން ފެށީވެސް ރައީސްގެ އެންގެވެމުކަށެވެ. އެކަމާ ގުޅިގެން މިނިސްޓަރު އަމީން މަސައްކަތުން އެކަހެރިވެ ވަޑައިގެންނެވި ގޮތަށް، އަދިވެސް ހުރީ އެކަހެރިވެވަޑައިގެންނެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން ވެންޓިލޭޓަރު މައްސަލައިގައި ބޮޑެތި އޮޅުވާލުންތަކެއްވެއެވެ. އަދި އެ ކުންފުންޏާ އެ ވެންޓިލޭޓަރުންތައް ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފާއާއެކު ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވީ ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެ ކުންފުންޏަކީ ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލްކަން ނެތް ކުންފުންޏެކެވެ. އެ ކުންފުނިން ހުށަހެޅި ލިޔުންތަކާއި އެ ކުންފުނީގެ ހާލަތު މިނިސްޓްރީއިން ރަނގަޅަށް ބަލާފައި ނެތް ކަމަށެވެ. ކުންފުނީގެ ވެބްސައިޓެއް ވެސް ނެތްކަން ފާހަގަކޮށްފައިވެއެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް ބިޑާ ނުލާ ހަވާލުކުރުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހެލްތު މިނިސްޓްރީއިން ހޯދިއެވެ. އެ ހުއްދަ ދިނީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީއިން އެކަން ބަލާ ގޮތަށެވެ. ކުންފުންޏާ އެކަން ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީއިން ވެސް ކުންފުނީގެ ގާބިލްކަން ބަލާފައިނެތް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ހެލްތު މިނިސްޓްރީއިން ބިޑް ކުރުމެއް ނެތި ދުބާއީ ކުންފުންޏާ މަސައްކަތް ހަވާލުކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީގައި އެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ބުނެފައިވެއެވެ. ނަމަވެސް އޮޑިޓް ރިޕޯޓްގައި ވަނީ އެއީ ހަގީގަތެއް ނޫންކަން ޑަބްލިއުއެޗްއޯއާ ހަވާލާދީ ބުނެފައެވެ.

އެ ކުންފުންޏާއެކު ޑަބްލިއުއެޗްއޯއިން އެއްވެސް އިރެއްގައި ވިޔާފާރީގެ މުއާމަލާތެއް ހިންގާފައިނުވާއިރު ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް ވެސް ޑަބްލިއުއެޗްއޯއިން މިނިސްޓްރީއަށް އެއްވެސް އިރެއްގައި ދީފައިނުވާ ކަމަށް އޮޑިޓްގައިވެއެވެ.

އޮޑިޓްގައި ބުނި ގޮތުގައި ކުންފުނިން ވަނީ ގުދަނުގައި 75 ވެންޓިލޭޓަރު ހުރި ކަމަށް ބުނެ އޮޅުވާލާފައެވެ. ދެ ހަފުތާ ތެރޭގައި ވެންޓިލޭޓަރުތައް ހަވާލުކުރުމަށް އެއްބަސްވީ ނަމަވެސް އެ މުއްދަތުގެ ތެރޭގައި ހަވާލެއް ނުކުރެވުނެވެ. އޭރު އެ ކުންފުންޏަށް އެއްވެސް ގެރެންޓީއަކާ ނުލާ 90 ޕަސެންޓް ފައިސާ ވެސް އޮތީ ދޫކޮށްފައެވެ. އެއީ 30 މިލިއަން ރުފިޔާއެވެ. އެ ފައިސާ ދޫކޮށްފައިވަނީ ވެސް މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.