އެމްއެމްޕީއާރްސީ ހިޔާނާތުގެ މައުލޫމާތު ސަރުކާރުގެ އިދާރާތަކާ ހިއްސާކުރުމަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރައްވާ ގައުމީ މަސައްކަތެއްކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ދޮންބިލެތް ހަލީމް މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ދޮންބިލެތް ވަނީ ނުހައްގުން މުއްސަނދިވުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރާކަން ފާހަގަކޮށްފައެވެ. އެގޮތުން، އެމްއެމްޕީއާރްސީ މައްސަލަ ބަލާނެކަމަށް ވައުދުވެވަޑައިގެން، އެ ވައުދު މި ސަރުކާރުން ފުއްދަވާކަމަށް ވިދާޅުވެފައިވެއެވެ. އަދި އެމްއެމްޕީއާރްސީ މައްސަލަ ސަރުކާރުން ކާމިޔާބުކޮށްފިކަމަށްވެސް ދޮންބިލެތްވަނީ ވިދާޅުވެފައެވެ.

ކޮރަޕްޝަނަށް ހައްގު އަދަބުވެސް ދެވޭނެކަން ފާހަގަކުރައްވާ، ދޮންބިލެތްވަނީ އަދީބު ޖަލަށް ހުކުމްކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އިތުރަށް ދޮންބިލެތް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ވާހަކަތައް ދައުލަތުގެ އިދާރާތަކާ ހިއްސާކުރުމަކީ ގައުމީ މަސައްކަތެއްކަމަށާއި، އަދީބު ހުރީ ދިވެހިރާއްޖެއަށްޓަކައި އެ ވާހަކަތައް ދައްކަން ކަމަށެވެ. 

ޝަރީއަތުގެ މަޖިލީހުގައި އަދީބުވަނީ އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅޭ ގިނަ ވާހަކަތަކެއް ދައްކާފައެވެ. އަދީބު ވިދާޅުވި ގޮތުގައި އޭނާ ވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ބައިވެރިވެފައެވެ. ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދަށް އޭރުގެ ޖުޑިޝަރީގެ ބޭފުޅުންނާއި މުއައްސަސާތަކުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންނާއި މިނިސްޓަރުންނަށް އެމްއެމްޕީއާރްސީގެ ތެރެއިން ނެރެގެން ވަނީ ފައިސާ ބަހާފައެވެ. އެއީ ސިޔާސީ މަންފާ ހޯދުމަށް އޭރު ކުރަން އަންގާފައި އޮތް ކަންކަމަށް އޭނާ ވިދާޅުވިއެވެ. އެ ފައިސާ މަޖިލިސް މެންބަރުންނަށް ބޮޑެތި ވޯޓުތަކާ ދިމާކޮށް އަދީބު ބެއްސެވިއެވެ. އޭގައި ނުޖެހޭ އެއްވެސް ސިޔާސީ ޕާޓީއެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ. 

އަދީބު ވިދާޅުވި ގޮތުގައި އޭނާ ވެސް އިސްތިސްނާ ނުވާ ގޮތަށް މި ކޮރަޕްޝަންގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރި މައްޗަށް ގެނެސް އަދަބު ދޭން ޖެހޭ ކަމަށެވެ. އަދީބު ވިދާޅުވީ ދައުލަތަށް އޭނާ އެއްބާރުލުން ދެއްވަނީ މި މައްސަލައަކީ ސާފުވާން ޖެހޭ އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން ޖެހޭ ކަމެއް ކަމަށް ވާތީ ކަމަށެވެ. ގެއްލިފައިވާ ރައްޔިތުންގެ ފައިސާ ކަމަށާއި އެ ހޯދުމަށް އެހީވުމަކީ ގައުމީ ވާޖިބެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭނާ މައުލޫމާތު ހާމަނުކޮށްފިނަމަ ގިނަ މައުލޫމާތުތަކީ ނޭނގޭނެ މައުލޫމާތުތަކެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ ހާމަ ކުރައްވަމުން ގެންދަވާ މައުލޫމާތުތަކާއެކު، މިހާރު ވެސް ނުހައްގުން މުއްސަނދިކަން ލިބިފައިވާ ފަރާތްތައް ފާހަގަ ކުރެވިފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *