އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަދި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފެންވަރަށް ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑަށް އާދެވޭނެ ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ޕައުލް ސްކޯލްސް ބުނެފިއެވެ. އޭނާ މިހެން ބުނެފައިވާއިރު ރޮނާލްޑޯ އަދި މެސީ އަކީ ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. 

ސަލްޒަބާގް ދޫކޮށް ޖެނުއަރީ މަހު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވި ފަހުން ހާލަންޑް ވަނީ ކުޅުނު 14 މެޗުގައި 17 ލަނޑު ޖަހާފައެވެ. އަދި މި ހަފްތާގެ ތެރޭގައި ވަނީ ގައުމީ ޓީމަށް އޭނާގެ ފުރަތަމަ ހެޓްރިކް ކާމިޔާބުކޮށްދީފައެވެ. 

ހާލަންޑަކީ ވަރަށް ތަފާތު ކުޅުންތެރިޔެއް ކަމަށާއި މިހާތަނަށް ފެނުނު ފެނުމަށް ބަލާއިރު މެސީ އަދި ރޮނާލްޑޯގެ ފެންވަރަށް އޭނާ ދާނެ ކަމަށް ސްކޯލްސް ބުނެފައިވެއެވެ. ހާލަންޑް ޑޯޓްމަންޑަށް ބަދަލުވުމުގެ ކުރިން އޭނާ ހޯދުމަށް ޔުނައިޓެޑުން މަސައްކަތްތަކެއް ކުރިއެވެ. އެހެން ނަމަވެސް މިހާރު ޔުނައިޓެޑުން މަސައްކަތްކުރަމުން އަންނަނީ ޖޭޑަން ސަންޗޯ ހޯދުމަށެވެ. 

ސްކޯލްސް ބުނީ ސަންޗޯ ފަދަ ތިން ކުޅުންތެރިޔަކު ޔުނައިޓެޑްގައި އެބަ ތިބި ކަމަށާއި 100 މިލިއަން ދިނުމަށްފަހު އޭނާ ގެނައުމަކީ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. 

ހާލަންޑްގެ ފަރާތުން މި ސީޒަނުގައި ވެސް އަންނަނީ ތަފާތު މޮޅު ކުޅުމެއް ފެންނަމުންނެވެ. އޭނާ ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން އަންނަނީ ފާރަލަމުންނެވެ. އެހެން ނަމަވެސް ޖެނުއަރީ ޓްރާންސްފަރ މާކެޓުގައި އޭނާ ޑޯޓްމަންޑް ދޫކޮށްލާނެ ކަމަކަށް ނުބެލެވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.